ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަތައް ކުޑަކުރަން މާލިއްޔަތު ކޮމެޓީގެ ގިނަ މެމްބަރުން އެއްބަސްވެ ވާހަކަ ދައްކަވައިފި އެވެ.

މިރޭ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވަން ނިންމަވާފައިވާ އިރު އެކަން މިސާލަކަށް ބަލައިގެން މުސާރަތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތަށް އެ ތަރުތީބުން މުސާރަތަކަށް ބަދަލު ގެނައުމަށް ހަމްޒާ ތާއީދުކުރައްވައި ވާހަކަ ދެއްކެވި އެވެ.

ހަމްޒާގެ ވާހަކަތަކަށް ފަހު އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ފުރަތަމަ ކުޑަކުރަން ޖެހޭނީ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކަމަށެވެ. އަދި ފަނޑިޔާރުންގެ މުސާރަތައް ކުޑަކުރާ ވާހަކަ ދައްކާ އިރު އެ ބޭފުޅުންގެ މުސާރައަކީ އެންމެ އެކަށޭނަ މުސާރައަކަށް ހަދަން ޖެހޭ ކަމަށް ސަލީމްގެ ވާހަކައިގައި ވިދާޅުވި އެވެ. ސަލީމްގެ ވާހަކަގައި ވެސް މުސާރަތައް ކުޑަކުރުމަށް ތާއީދުކޮށްފައިވެ އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 20000ރ. އަށް ބަދަލުކުރުމަށް ހުށައަޅުއްވައިފަ އެވެ. ނަމަވެސް އެހުށައެޅުމަކަށް އެއްވެސް މެމްބަރަކު ތާއީދެއް ނުކުރައްވަ އެވެ.

މުސާރަތައް ކުޑަކުރުމާ ދެކޮޅަށް މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކާފައި ވަނީ އެންމެ މެމްބަރެކެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޢަބްދުލްގަފޫރު މޫސާ އެވެ. އޭނާ ވިދާޅުވީ ދައުރު ނިމެން ހަތަރު މަހަށް ވެފައިވަނިކޮށް މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ރަނގަޅު ދިރާސާއެއް ކޮށްފައި ނޫނިއްޔާ އެހެން މުއައްސަސާތަކުގެ މުސާރަތައް ވެސް ކުޑަކުރަން ނުފެންނަ ކަމަށް ޢަބްދުލްގަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރަން ޖެހޭ ކަމަކީ އާމުދަނީ އިތުރުކުރުން ކަމަށެވެ.

މިރޭގެ އެބައްދަލުވުމުގައި މެމްބަރުން އެއްބަސްވެފައި ވަނީ މުސާރަތައް މުރާޖާ ކުރުމަށެވެ. އަދި ވީހާ އަވަހަކަށް އެކަންކަން ނިންމުމަށެވެ.

މިރޭގެ އެބައްދަލުވުން ނިމުނު ވަގުތު ވަނީ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަބްދުﷲ ޖާބިރާއި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އާ ދެމެދު ހޫނު ޒުވާބެއް ހިނގައި ހުތުރު ބަހުން އަޑު ހަރުކޮށް ޒުވާބުކުރި އެވެ. އަދި ރިޔާޒް ވަނީ އަތުން ޖަހައި މައިކް ވައްޓާލާފަ އެވެ. ރިޔާޒް ވިދާޅުވީ ޖާބިރު ކޮމެޓީ ކޮންމެ ދުވަހަކު ބާއްވަނީ ކޯޓަށް ނުދިއުމަށް ކަމަށެވެ.