20 Nov 2013, 23:01
އިނގިރޭސިން އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެމެޗުން ވެސް އެޓީމް ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް އެޓީމުގެ ކޯޗު ރޯއީ ހޮޖްސަން ބުނީ އެއީ ހާސްވާން ޖެހޭވަރު ކަމެއް ނޫންކަމަށެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އިނގިރޭސީން އެބައިމީހުންގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ލަންޑަނުގެ ވެމްބްލީގައި ޖެހިޖެހިގެން ދެފަހަރަށް ބަލިވެފައިވަނީ 1977 ވަނަ އަހަރު އެވެ.
މިދިޔަ ހުކުރު ދުވަހު ވެމްބްލީގައި ޗިލީއާ ދެކޮޅަށް އިނގިރޭސީން ކުޅުނު މެޗުން އެޓީމް ބަލިވީ 2-0 އިންނެވެ. އަދި އަންގާރަ ދުވަހުގެ ރޭ ޖަރުމަނާ ދެކޮޅަށް ވެމްބްލީގައި ކުޅުނު މެޗުން 1-0އިން ބަލިވުމުން އެގައުމުގެ އެތަކެއް ހާސް ސަޕޯޓަރުން ވަނީ، ޓީމު ބަލިވުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންފާޅުކޮށްފަ އެވެ.
"ހަގީގަތުގައި ވެސް އަހަރެމެން ހާސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް،" 66 އަހަރުގެ އިންގްލެންޑް ކޯޗް ބުންޏެވެ. "އަހަރެމެންގެ ސަޕޯޓަރުން ދަނީ ޓީމަށް ވަރަށް ރަނގަޅަށް ސަޕޯޓް ކުރަމުން. އެހެންކަމުން ބަލިވީމަ އެމީހުން ވަރަށް ދެރަވާނެ. އެމީހުން ބޭނުންވާނީ އަހަރެމެން ކުޅޭ ކޮންމެ މެޗަކުންވެސް މޮޅުވާން. އެކަމަކު އަހަރެންނަށް މިހާތަނަށް ވިސްނިފައި މިއޮތީ މި ދެމެޗުންވެސް އަހަރެމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެކަން."
އަންނަ މޭމަހުގެ 13 ގެ ކުރިން 30 ކުޅުންތެރިންގެ ސްކޮޑް އެކުލަވައިލަން ޖެހޭއިރު ހޮޖްސަންއަށް ކުޅެން ލިބޭނީ ވާދަވެރި އެންމެ މެޗެކެވެ. އެއީ މީގެ ހަތަރުމަސް ފަހުން ޑެންމާކާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗެވެ. އެ މެޗުން ބަލިވެއްޖެ ނަމަ ނަފްސާނީގޮތުން ކުޅުންތެރިންނަށް ނޭދެވޭ އަސަރުތަކެއް ކުރުންވެސް އެކަށީގެންވާކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކެ އެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުގައި 25 ކުޅުންތެރިން ޓެސްޓް ކުރުމަށް ފަހު، ހޮޖްސަން ބުނީ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާއަށް "އެކްސްޕެރިމެންޓް" ހަދަން ލިބޭ ފަހު މެޗު ކަމުން އެމެޗުގައިވެސް ބައެއް ކުޅުންތެރިންގެ ފެންވަރު ބަލަން އޭނާ ބޭނުންވާ ކަމަށެވެ.
"ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބަލިވާން ޖެހުނު ކަމުގައިވީ ނަމަވެސް އަހަރެން މި ފުރުސަތުގެ ބޭނުން ހިފާނަން. އެކަމަކު ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި އަހަރެމެން ބަލާނީ މިހާރު ނަގާފައި މިތިބި ކުޅުންތެރިންގެ ތެރެއިން އިތުރަށް ޓެސް ކުރަން ބޭނުންވާ ކުޅުންތެރިންގެ ބޭނުން ހިފަން. 100 ޕަސެންޓް ޔަގީންކަން އޮތް ކުޅުންތެރިންނަށް ރެސްޓް ދޭނީ،" އިންގްލެންޑްގެ ކޯޗް ބުންޏެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އިންގްލެންޑް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުން ޖާގަ ހޯދާފައިވީ ނަމަވެސް އެންމެ ފަހުން ކުޅުނު އެކުވެރި ކަމުގެ ދެމެޗުން ބަލިވުމުން އެގައުމުގެ ފުޓްބޯޅައަށް ލޯބި ކުރާ ގިނަފަރާތަތަކުން ބުނަމުންދަނީ، މިހާރު ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ އެޓީމުގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އަނބުރާ ޓީމަށް ގެނައުމަށެވެ. އެހެން ނަމަވެސް ހޮޖްސަން ބުނީ، ޗެލްސީގެ ކެޕްޓަންގެ އެ ނިންމުމަށް އޭނާ އިހްތިރާމް ކުރާ ކަމަށާއި އަދި މިހާރު ބޭނުންވަނީ މިހާރު ތިބި ކުޅުންތެރިންނާއިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
"އަހަރެމެން މިވަނީ މިހާރު ކުރިއަށް ގޮސްފައި. ޓެރީ އެވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި އަދި އަހަރެމެން މިވަނީ ބަލިނުވެ 10 މެޗު ކުޅެގެން ވޯލްޑް ކަޕަށް ކޮލިފައި ވެފައި. ގެރީ ކަހިލް، ފިލް ޖެގިލްކާ އަދި ކްރިސް ސްމޯލިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް،" ހޮޖްސަން ބުންޏެވެ.
ހޮޖްސަން ބުނީ، އޭނާ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކަމަށާއި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދާނޭ ކަމަށެވެ.
"އަހަރެމެން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި މިވަނީ ހާސިލް ކުރެވިފައި އަދި ކުރިއަށް ވަރަށް ގިނަ ކަންތައްތައް އެބަހުރި. 2014 ވަނަ އަހަރަށް އަހަރެން ވަރަށް ބޮޑު ސަމާލުކަމެއް އެބަ ދެން،" ހޮޖްސަން ބުންޏެވެ.