ރާއްޖޭގައި މަތީ ތައުލީމަށް ދަރިވަރުން ކިޔަވަމުންދާ އަމިއްލަ ކޮލެޖެ، މަންދު ކޮލެޖް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެ ކޮލެޖުން ސަރުކާރަށް ހުށަހަޅައިފި އެވެ.

ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖުން ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ.

މަތީ ތަޢުލީމުގެ ކޯސްތައް ހިންގައި 15 އަހަރުގެ ތާރީހެއް އޮތް މަންދު ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނަށް ހުށަހެޅީ މިއަދު ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

ދެހާހަށް ވުރެ ގިނަ ދިވެހި ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކޮލެޖުގެ ކައުންސިލްގެ ޗެއާމަން އިބްރާހީމް އިސްމާޢީލް (އިބްރާ)އާ ހަވާލާދީ މަންދު ކޮލެޖުން ބުނީ އެތަނަކީ ކޮލެޖެއްގެ ޙަޤީޤީ މާނައިގައި އަމިއްލައަށް ޢިލްމީ ދިރާސާތައްކޮށް އޭގެ އަލީގައި ދިވެހިރާއްޖޭގެ މާހައުލަށް ފައްތައިގެން އަމިއްލަ ޑިޕްލޮމާ، ޑިގްރީ އަދި ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމްތައް ހިންގަން ފެށި ފުރަތަމަ އަދި ހަމަ އެކަނި ކޮލެޖް ކަމަށެވެ.

އެ ކޮލެޖް ޔުނިވަރސިޓީއަކަށް ބަދަލުވުމުން، އެ މަސައްކަތް އިތުރަށް ފުޅާކުރެވިގެން ދާނެ ކަމަށާއި، އޭގެ ސަބަބުން، ކޮލެޖުން މިހާރު ހިންގަމުންދާ ކޯސްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ވެސް ޢިލްމީ ދިރާސާތައްކޮށް އަމިއްލަ ކޯސްތައް ފަރުމާކުރުމަށް ފަސޭހަވެގެންދާނެ ކަމުގައި އިބްރާއާ ހަވާލާދީ މަންދު ކޮލެޖުން ބުންޏެވެ.

މަންދު ކޮލެޖަކީ ބޭރުގެ ޔުނިވަރސިޓީތަކުން ކޯސްތައް ގަނެގެން އެ ޔުނިވަރސިޓީތަކުގެ ސެޓްފިކެޓަށް އެކަނި އަމާޒުކޮށްގެން ކޯސް ހިންގުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ މާހައުލަށް ބައްޓަންވާ ގޮތަށް އަދި ސަރުކާރުން ޤަބޫލުކުރާ އަމިއްލަ ޑިޕްލޮމާ އާއި ޑިގްރީ ކޯސްތައް ހިންގާ ރާއްޖޭގެ ހަމައެކަނި ޕްރައިވެޓް ކޮލެޖެވެ. މަންދު ކޮލެޖުގައި މިހާރު ވެސް އަމިއްލައަށް ފަރުމާކޮށް އެޑިއުކޭޝަން، ޤާނޫނު، ވިޔަފާރި، އައިޓީ އަދި އެހެނިހެން ދާއިރާތަކުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ދަނީ ހިންގަމުންނެވެ.