20 Nov 2013, 21:49
ކުރީގެ ބަންޑާރަ ނައިބު އައިޝަތު ބިޝާމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ކަމުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެކަމަނާ އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ކޮމެންޓެއް އަދި ނުލިބެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ މަގާމަށް ބިޝާމް އައްޔަން ކުރުމުގެ ކުރިން އެ މަގާމުގައި ކުރިން ހުންނެވީ އެމްއެންޑީއެފްގެ ކުރީގެ ލެފްޓިނަންޓް ޝަމްސުލް ފަލާޙެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ރައީސް އޮފީހުގެ މަސައްކަތަށް ނުކުންނެވި އިރު ރައީސް އޮފީހުގައި ކުރިން ހުރި ސިޔާސީ މަގާމުތައް އުވާލުމާ އެކު އޭނާ ވެސް މަގާމުން ވަކިކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ބިޝާމް ވަނީ ދެ މަހާއި 10 ދުވަހު ބަންޑާރަ ނައިބުގެ މަގާމު ފުރުއްވާފަ އެވެ. ނިމިދިޔަ ސަރުކާރުގައި އެކަމަނާ ބަންޑާރަ ނައިބަކަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު އާޒިމާ ޝުކޫރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ވަހީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ބިޝާމް ކުރެއްވި އެވެ.