20 Nov 2013, 19:34
ތިން ދުވަހު ބަހުސް ކުރުމަށްފަހު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކޮށް ނިންމާލި ބަޖެޓަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ހުށަހަޅާފައިވާ 16.4 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓްގެ ބަހުސް މަރުހަލާގައި މެންބަރުން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަހެޓަށް އިސްލާޙް ގެނައުމުގެ ފުރުސަތު އަލަށް އިންތިހާބު ކުރެވިފައިވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދޭން ޖެހޭނެ ކަމަށެވެ.
މިދިޔަ މަހު މަޖިލީޙަށް ހުށަހަޅާފައިވާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ސަރުކާރުން ބޭނުންވާ ކަންކަން ހިންގުމަށް މަގުފަހިވާނެ ގޮތަށް ބަޖެޓް ހުށަހެޅުމަށް ބަޖެޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ބަޖެޓަށް ބަދަލު ގެނެސްގެން ނޫނީ ސަރުކާރުގެ ވައުދުތައް ނުފުއްދޭނެ ކަމަށެވެ.
"އަޅުގަނޑު ވެސް ދަންނަވާނީ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް މިހާރު މި އޮތް ގޮތަށް ބަހުސްކުރުމުގެ ބޭނުމެއް ނެތް. އެހެން މިދަންނަވާލަން ޖެހެނީ މިހާރު މި އޮތް ބަޖެޓަކީ މިހާރު މި އޮތް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކަށް ނުވާތީ. މި ބަޖެޓް އެބަ ޖެހޭ ސަރުކާރުން އަލުން ބައްލަވައި ދިރާސާކޮށް ސަރުކާރުން ބޭނުންވާ ކަންތައްތަކަށް މަގުފަހިވާ ގޮތަށް މި ބަޖެޓް ތައްޔާރުކުރަން. އެގޮތަށް މެނުވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދިދާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު މަޖިލީހުގައި މަސައްކަތް ކުރަމުންދާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ވިދާޅުވީ އާ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓަށް ބަދަލު ގެނަން ބޭނުންވާ ކަމުގައިވާނަމަ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އާ ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"އެ [މި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން،] ވި ވައުދުތައް މި ބަޖެޓްގެ ތެރެއިން ފުއްދެން ޖެހޭނެ. ރައްޔިތުން ވޯޓުދިނީ އެ ވައުދުތަކަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަޅުގަނޑުމެންގެ ޒިންމާއަކީ އެ ވައުދުތައް ފުއްދުމަށް ފުރުސަތު ދިނުން. އެހެންވީމާ ތަކުރާރުކޮށް އެމްޑީޕީން ބުނަމުން ދަނީ ތިޔަ ވައުދުތައް މި ބަޖެޓްގެ ތެރެއިން ދައްކަވާ ދެއްވާށޭ،" ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.
އާ ސަރުކާރުން ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލްތަކާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ބަޖެޓް ކޮމެޓީގައި ވިދާޅުވީ ބަޖެޓަށް ގެންނަ ބަދަލުތަކާ އެކު އަންނަ ހޯމަ ދުވަހު ބަޖެޓް މަޖިލީހަށް ހުށައެޅޭނެ ކަމަށެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ މިސަރުކާރުން ހިންގުމަށް ނިންމާފައިވާ ކަންކަމާއި ކުރިން ހުށައަޅާފައިވާ ބަޖެޓާއި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި އެބަދަލުތަކާ އެކު މިއަންނަ ހޯމަ ދުވަހަށް އާ ކަންކަންކަމާ އެކު ބަޖެޓް މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާ ކަމަށެވެ. އަދި ބަޖެޓް ރަނގަޅަށް ހިންގޭނީ އާންމުދަނީ ހޯދުމަށް ހުށައަޅަފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމުން ކަމަށާއި މިއަންނަ އަހަރަށް ވެސް ބަޖެޓަށް އާމްމުދަނީ ހޯދުމަށް ހުށައަޅަފައި ވާނީ މިދިޔަ އަހަރު ހުށައަޅަފައިވާ ކަންކަން ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ސަރުކާރުން ބޭނުންވާ ހިސާބްގައި އެ ބިލްތައް ފާސްބެއްޖެ ނަމަ 2.2 މިލިއަން ރުފިޔާގެ އާންމު ދަނީއެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޖިހާދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހަރަދުތައް ކުޑަކުރުން ކަމަށާއި އެންމެ ބޮޑު ހަރަދެއް ބަޖެޓުން ކުރެވެނީ މުސާރަތަކަށް ކަމަށެވެ. އެއް ބިލިއަން ހަރަދު ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ އިރު ސަބްސިޑީތައް އިތުރުކުރުމަކީ ހަރަދު ބޮޑުވާނެ ކަމެއް ކަމަށާއި އެހިސާބްތައް ހެދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ހުށައަޅާ ބަޖެޓް އިތުރު ވަގުތުގެ ފައިސާ ވެސް ފަސް ޕަސެންޓަށް ކުޑަކޮށްފައިވާ އިރު ނޮންޕުރެކްޓިސް އެލަވަންސް 35 ޕަސެންޓް ހިފަހައްޓާފައިވެ އެވެ. އަދި ސަބްސިޓީވެސް ޓާގެޓްކޮށްގެންދޭ ގޮތަށް ނިންމާފައިވާ އިރު އާ ޕީއެސްއައިޕީއެއް ބަޖެޓުން ހަރަދުކޮށްގެން ނުހިންގުމަށް ވަނީ ނިންމާފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުސަތު ދިނުމަށް ބަޖެޓް ކޮމެޓީގެ މަސައްކަތް ވެސް ވަނީ މެދު ކަނޑާލާފަ އެވެ. ދެން ބަޖެޓް ކޮމެޓީގެ މަސައްކަތް ފަށާނީ ސަރުކާރުން ބަޖެޓަސް ގެންނަން ބޭނުންވާ އިސްލާޙްތައް ހުށަހެޅުމުންނެވެ.