20 Nov 2013, 19:13
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީއާ އަދި އެމްޑީއޭއިން ޝާހިދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިއަދު ޖަލްސާއަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ނުނިމޭތީ ޝާހިދުގެ މައްސަލަ ވަނީ މާދަމާގެ ޖަލްސާއަށް ފަސްކޮށްފަ އެވެ.
މާދަމާގެ ޖަލްސާއަށް ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށް މަޖިލީހުގެ މެމްބަރުންނަށް މިހާރު ވަނީ އަންގާފަ އެވެ.
ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގީ ވާދަވެރި ރިޔާސީ އިންތިހާބަކަށް ފަހު ގައުމަށް ހަމަޖެހުން ގެނެސްދިނުމަށް މަގުފަހި ކުރުމަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކުރިއިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ 15 މެމްބަރަކު ސޮއިކޮށް ހުށަހެޅި އެ މައްސަލަ އަނބުރާ ގެނައުމަށް އެ ޕާޓީތަކުން އަދި ވިސްނުން ނުގެންގުޅެ އެވެ.
ޝާހިދު ޑީއާރްޕީގައި ހުންނެވިއިރު، އެމްޑީޕީން ވެސް އެމަނިކުފާނާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުގެ 45 މެންބަރުންގެ އަގުލަބިއްޔަތު ލިބުނީ ޝާހިދުގެ މައްޗަށް އިތުބާރު އޮތް ކަމަށެވެ.