20 Nov 2013, 18:40
އިދިކޮޅު ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު ވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު އެމްޑީޕީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ދައުރު ނިމެންދެން އެމްޑީޕީގައި ހުންނަވާނެ ކަމަށާއި އޭގެ ފަހުން އިތުރު ދައުރަކަށް "ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ"ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު މިހުންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި. މަޖިލީހުގައި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އަޅުގަނޑަށް އެފުރުސަތު ދީފި ކަމަށް ވަންޏާ މަޖިލީހުގައި [އިތުރު ދައުރަކަށް] ހިދުމަތްކުރަން އަޅުގަނޑު ގަސްތުކުރަނީ. ސިޔާސީ ވިސްނުމެއް މިވަގުތު އަޅުގަނޑުގެ ނެތް،" ތަސްމީން ވިދާޅުވި އެވެ.
މިއަދު ތަސްމީނާ އެކު އަނބިކަނބަލުން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ވެސް އެމްޑީޕީއަށް ސޮއިކުރެއްވި އެވެ.
އެމްޑީޕީއާ ގުޅެން ނިންމީ މިއަދު ސިޔާސީ ހަގީގަތް ބަދަލުވެފައިވާތީވެ ކަމަށް ވިސާމް ވިދާޅުވި އެވެ. ޑިމޮކްރަސީއާ އެކު ރާއްޖެއަށް ތަރައްގީއެއް ގެނެސްދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށްވާތީވެ ކަމަށް ވިސާމް ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ ތެރޭގައި އޮންނަ ޕްރައިމަރީއަކުން ކޮންމެ ދާއިރާއަކަށް ވެސް ހޮވޭ އެމްޑީޕީގެ މެމްބަރުންނަށެވެ. މިހެން ކަމުން، އިތުރު ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ދާއިރާއަކަށް ކުރިމަތިލައްވާ ނަމަ، ތަސްމީން ވެސް ޖެހިވަޑައިގަންނަ ވާނީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށްގެން އެ ޕްރައިމަރީ ކާމިޔާބު ކުރައްވާށެވެ.
ތަސްމީން އެންމެ ފުރަތަމަ ސިޔާސީ މަޝްރަހުގެ ތެރެއިން މީހުންގެ ސަމާލުކަން ހޯދާފައި ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ޑީއާރުޕީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ރަނިންގް މޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމުން ނެވެ.
އެ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު، މައުމޫން އެންޑޯޒްކުރައްވައިގެން، ފެންނަ ނުފެންނަ ވޯޓަކުން ޑީއާރުޕީގެ ލީޑަރެއްގެ ގޮތުގައި ތަސްމީން އިންތިހާބުވެގެން ދިޔަ އެވެ. އޭގެ ފަހުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބާތިލްކުރެވުނު ބުރުގައި ތަސްމީން ވާދަކޮށްފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ރަނިންގް މޭޓެއްގެ ގޮތުގަ އެވެ.
އެފަހަރުގެ ބާތިލްކުރެވުނު އިންތިހާބުން ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، ތަސްމީން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހުގައި ކެމްޕެއިންކުރައްވާފަ އެވެ.
ތަސްމީން ޑީއާރުޕީގެ ލީޑަރު ކަމުން އިސްތިއުފާދެއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.