ޑީއާރްޕީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

އެމަނިކުފާނު އެމްޑީޕީއަށް ސޮއި ކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ތަސްމީންއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ވެސް އެމްޑީޕީއަށް ސޮއި ކުރެއްވި އެވެ.

އެމަނިކުފާނު އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވިއިރު، ޑީއާރްޕީގެ އާންމު މެންބަރުން އެ ޕާޓީގެ ލީޑާޝިޕަށް އިންތިހާބު ކުރި އެއްވެސް ބޭފުޅަކު އިސް މަގާމެއްގައި ނެތެވެ. ޑީއާރްޕީގެ ކޮންގްރެސްއިން އެ ޕާޓީގެ ނައިބު ލީޑަރުންނަށް ހޮއްވެވި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އެ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ރޮޒައިނާ ވެސް އެމްޑީޕީއާ ގުޅެން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރޮޒައިނާ ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

ޑީއާރްޕީގެ ވަގުތީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ އިންތިހާބުކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ޑީއާރްޕީގެ ކައުންސިލްގެ 13 މެންބަރުން އިއްތިފާގުންނެވެ.