20 Nov 2013, 17:00
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ދިރިއުޅުއްވި ރަސްމީ ގެކޮޅު ކަމުގައިވާ މ. ހިލާލީގެ އަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަޑައިގެންނަވަން ނިންމަވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނައިބް ރައީސް ދިރިއުޅުއްވުމަށް ޓަކައި ހިލާލީގެ މިހާރު ވަނީ އެ މަނިކުފާނު ހިޔާރު ކުރައްވައި އަދި އެމަނިކުފާނު އެ ގެކޮޅަށް ވަޑައިގެންނެވުމުގެ ކުރިން ކުރަން ޖެހޭ ބައެއް މަރާތުގެ ކުރުމުގެ މަސައްކަތް ފައްޓައިފަ އެވެ.
ނަމަވެސް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ އެފަދަ ނިންމުމެއް ނިންމަވާފައިވާ ކަން އަދި އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ހިލާލީގެ އަށް ނައިބު ރައީސް ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ދިއުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ކަމެއް ރަސްމީކޮށް އަދި ނިންމަވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ރައީސް އާއި ނައިބް ރައީސް ދިރިއުޅުއް ވާނީ ސެކިއުރިޓީ ހުއްދަ ކުރާ ތަނެއްގައި ކަމަށާއި މިވަގުތު އެ ދެ ބޭފުޅުން ވެސް ތިއްބެވީ ކުރިން ވެސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުގައި ކަމަށެވެ.
ރައީސް ޔާމީން ވަނީ އެމަގާމަށް ހޮވިވަޑައިގެންނެވި ހިސާބުން ފެށިގެން އެމަނިކުފާނުގެ މުސާރައިގެ ދެބައި ކުޅައެއްބައި ނަންގަވަން ނިންމަވައިފަ އެވެ. މީގެ އިތުރުން ސެކިއިރިޓީގެ އިސޫއެއް ނެތް ނަމަ އަމިއްލަފުޅު ގެކޮޅު ކަމުގައިވާ ގ. ދޫވެހީގައި ދިރިއުޅުއްވަން ގަސްދުކުރައްވާކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.
މުއާޒު ވިދާޅުވީ ރައީސްގެ އެ ވިސްނުންފުޅަކީ ގައުމުގައި މިހާރު މިއޮތް އިގުތިސާދީ ހާލަތުން އަރައިގަތުމުގެ ގޮތުން އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ކަމެއް ކަމަށެވެ. ރައީސާއި ނައިބް ރައީސް މިވަގުތު އަމިއްލަފުޅު ގެ ކޮޅުގައި ދިރިއުޅުއްވި ނަމަވެސް އެ ބޭފުޅުންނަށް އެމްއެންޑީއެފުން ދޭން ޖެހޭ ސެކިއުރިޓީ ދެމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.