20 Nov 2013, 16:23
ރޯމް (ނޮވެމްބަރު 20): އިޓަލީގެ ދެކުނުގެ ޖަޒީރާއެއް ކަމަށްވާ ސާޑީނިޔާގައި ފެންބޮޑުވުމުގެ ސަބަބުން 18 މީހުންމަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސާޑީނިޔާގައި ފެންބޮޑުވީ އެރަށަށް އިއްޔެ އެރި ބަރުގަދަ ތޫފާނަކާ އެކު ބޯކޮށް ވާރޭވެހި ކޯރުތައް ފުރިބަންޑުން ވުމުގެ ސަބަބުންނެވެ. ފެންބޮޑުވުމުގެ ސަބަބުން މަރުވި 18 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ކާރިސާއާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލިޓާ ވަނީ އެޖަޒީރާގައި ކުއްލި ހާލަތު އިޢްލާން ކުރައްވާފަ އެވެ. އަދި ލިޓާ ވަނީ ސާޑީނިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 20 މިލިޔަން ޔޫރޯ އެކަށައަޅުއްވައި އެހީ ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރި ވުމަށް ސިފައިންގެ އެތަށް ހާސްބަޔަކު ނެރުމަށް އަމުރުވެސް ކުރައްވާފަ އެވެ.
ސާޑީނިޔާގެ ގަވަރުނަރު އޫގޫ ކަބީލާޗީ ވަނީ އެޖަޒީރާއަކީ އިންސާނީ މުސީބާތެއްގެ ތެރޭގައިވާ ތަނެއް ކަމަށް އިޢްލާން ކުރައްވާފަ އެވެ. ކްލިޔޯޕަޓްރާގެ ނަމުން ނަންދެވިފައިވާ ތޫފާންގެ ސަބަބުން ސާޑީނިޔާގެ އެތައް ހާސްބައެއްގެ ގެދޮރު ހަލާކުވެ ބްރިޖްތައް ވެއްޓި މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިޓަލީގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެ އެވެ. (ރޮއިޓާސް)