20 Nov 2013, 16:12
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމުދުގައި ޒަމާނުއްސުރެ އޮންނަ ގާތްގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ. އަދި ތަރައްޤީގެ ރޮނގުން އަވަށްޓެރި ޤައުމުތަކާ އޮންނަ ގުޅުން ވަރގަދަކުރުމަށް ސްރީލަންކާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް، ސްރީލަންކާ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޤާއިމުވެފައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސަށް ދެއްވި އެވެ. އަދި ނިމިގެން ދިޔަ ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ކާމިޔާބީއަށް ޓަކައި ސްރީލަންކާގެ ރައީސަށް މަރުހަބާ ވިދާޅުވި އެވެ.