ބެލްޖިއަމްގެ ބްރަސަލްސްގައި އަންހެނަކު އެނާގެ ފިރިމީހާ މަރުވުމުން ވަޅުނުލައި އެއް އަހަރު ވަންދެން ގޭގައި ބާއްވާ، ގަބުރު ގާތު ނިދައި އުޅެފިއެވެ.

މާރސެލް ނަމަކަށް ކިޔުނު 79 އަހަރުގެ ފިރިހެން މީހާ މަރުވެފައިވަނީ ނޭވާހިއްލައިގެނެގެން ކަމަށް ބެލެވޭ ކަމަށް މާހިރުން ބުނެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަރސެލް މަރުވީ އެ ދެމަފިރިން ދިރިއުޅޭ ގޭގައެވެ. ނަމަވެސް އެނާގެ 69 އަހަރުގެ އަންހެނުން، ކުރި ހިތާމައެއްގެ ސަބަބުން މާރސެލް ވަޅު ނުލައި ބޭއްވީއެވެ. ގޭގައި، އެނާގެ އެނދުގައި ބާއްވައިގެން އުޅުނީ އެވެ. އެއް އަހަރު ދުވަސް ވަންދެނެވެ. ކަމާބެހޭ ފަރާތްތަކުން އެ އަންހެން މީހާގެ ނަން ވަނީ ސިއްރު ކޮށްފައެވެ.

މި ޚަބަރު ފެތުރުނީ އެ ދެމަފިރިން އުޅުނު ގޭގެ ވެރިމީހާއަށް ކުލި ނުލިބޭތާ އަހަރެއް ވީ ފަހުން އެ ގެއަށް ގޮސް ބެލުމުންނެވެ. ގެ ހުންނަ ބުރީގެ އަވަށްޓެރި ގެތަކުގައި އުޅޭ މީހުން ސުވާލު ކުރުމުން ބުނީ މި ވީހާ ތަނަށް ވެސް ނުބައި ވަހެއް ނުދުވާ ކަމަށެވެ.

ބެލްޖިއަމްގެ ފޮރެންސިކް ސެންޓަރ އޮފް ލީޖް ގެ ޕެތޮލޮޖިސްޓެއް (ބަލިތަކަށް ފަރުވާ ހޯދުމުގެ ދާއިރާގައި މަސައްކަތްކުރާ މީހެއް) ކަމަށްވާ ފިލިޕް ބޯޒޯ ބުނީ ވައިގެ ތެތްކަން ކުޑަ އަދި ހޫނު މާހައުލެއްގައި އިންސާނެއްގެ ގަބުރު ހިކި، މަމީއަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

“އެ ހާލަތަށް ދާން މަދުވެގެން ހަފްތާއެއް ނަގާނެ،” ފިލިޕް ބޯޒޯ ބުންޏެވެ.

އެނާ ބުނި ގޮތުގައި މާރސެލްގެ ހަށިގަނޑު ވަނީ އެނދުމަތީގައި އޮވެ ކުނިވެ، ގުނަވަންތައް ދިޔާވެ ވިރިގެން ފޮސްފައެވެ. އަދި މަރސެލް މަރުވިތާ ކުރީކޮޅު އެނާގެ ގައިގައި ފަނި އަޅާ ކުނިވެފައިވާ ކަމުގެ އަލާމާތްތައް ހުރިކަމަށް ފިލިޕް ބޯޒޯ ބުންޏެވެ.

“އިންސާނުން ކުނިވާއިރު ދުވާނީ އާދަޔާ ހިލާފު ވަހެއް. އެކަމަކު ގިނަ މީހުންނަށް ހީވަނީ އެއީ ކާއެއްޗެއް ކުނިވާ ވަހޭ. ހަށިގަނޑު މުޅިން ކުނިވެ ނިމުނީމާ އެ ވަސް ވަރަށް މަޑުވާނެ.

“މިއީ މިކަހަލަ ކަމެއް އަހަރެން ދުށް ފުރަތަމަ ފަހަރެއް ނޫން. މީހުން އެމީހުންގެ މަރުވެފައިވާ ބައިވެރިން ގާތު ނިދާފައިވާ ތަން ދެތިން ފަހަރަކު މިހާރު ފެނިއްޖެ،" ފިލިޕް ބޯޒޯ ބުންޏެވެ.

ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގައި އޮންނަ އެކަހެރި ނުވަތަ “އިންޑިވިޖުއަލިސްޓިކް” ސަގާފަތެއްގެ ސަބަބުން ދެމަފިރިން މުސްކުޅިވެ، އަޅައިލާނެ މީހަކު ނެތި، އެކަނިވެ މަރުވެގެންދާ ފަހަރު އާދެއެވެ. އަދި އެކަނި އުޅޭ މުސްކުޅިން މަރުވެ ކުނިވެފައި އޮއްވައި ގޭގެއިން ނެރެ ވަޅުލާ ހާލަތްތައް ޔޫރަޕުގައި މަދެއް ވެސް ނޫނެވެ.