ކަނޑުމަސް ކާނަމަ ހިތުގެ ބައްޔެއް ޖެހިގެން މަރުވުމުގެ ނުރައްކާ ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ހަވަޑް ޔުނިވަސިޓީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ހަފުތާއަކު ދެދުވަހު ކަނޑުމަސް (ޓޫނާ) ކާނަމަ ހިތުގެ ބައްޔެއް ޖެހިގެން މަރުވުމުގެ ނުރައްކާ ކުޑަވެ އެވެ.

ދިރާސާކުރި ސައިންޓުސްޓަންނަށް އެނގިފައިވާ ގޮތުގައި ކަނޑުމަހާއި ސާލްމޮން ފަދަ ބާވަތްތަކުގައި އެކުލެވޭ އޮމޭގާ3ގެ ސަބަބުން ނުރައްކާތެރި ގޮތް ގޮތަށް ހިތުން ވިންދުން ޖެހުން ދުރުކޮށްދެ އެވެ. އަދި އެ ބާވަތުގެ ސަބަބުން ލޭމައްޗަށް ދިއުމާއި ހިތްހިނގުން އަވަސްވުން ފަދަ ކަންތައްތައް ކުޑަކޮށްދޭ ކަމަށް ދިރާސާއާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުންޏެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ވޮޝިންޓަންގައި ކުރި އެފަދަ ދެވަނަ ދިރާސާއަކުން ވެސް ލިބިފައި ވަނީ ހަމަ އެނަތީޖާ އެވެ. ނަމަވެސް ތެލުލައިގެން ކެއުމުން، ކަނޑުމަހުން އެނަތީޖާ ނުލިބޭ ކަން އެދިރާސާއިން އެނގިފައިވެ އެވެ.

ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް ދަނީ އިތުރުވަމުން ނެވެ. އެގޮތުން އިނގިރޭސިވިލާތުގައި މަރުވާ ކޮންމެ ފަސް ފިރިހެނެއްގެ ތެރެއިން އެކަކު މަރުވަނީ ހިތުގެ ބަލީގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މަރުވާ ކޮންމެ އަށް އަންހެނެއްގެ ތެރެއިން އެކަކު މަރުވަނީ ވެސް ހިތުގެ ބަލީގެ ސަބަބުން ކަން ވަނީ އެނގިފަ އެވެ.