05 Dec 2010, 12:04
މެންބަރުންގެ އުޒުރުތަކާ ހުރެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މިއަދުގެ ޖަލްސާ ވެސް ބޭއްވޭ ގޮތެއް ނުވި އެވެ.
ޖޭއެސްސީގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު އިރު ޖޭއެސްސީގެ ކަންކަމާ އެންމެ ބޮޑަށް އަޑުހަރުކުރައްވާ އަދި ޖަލްސާތައް ނުބޭއްވިގެން ގިނަގިނައިން ނޫސް ބަޔާން ނެރުއްވާ އައިޝަތު ވެލެޒިނީ ވެސް ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.
ވެލެޒިނީ ވަޑައި ނުގަތީ ކޮމިޝަންގެ ކަންތައްތައްދާ ގޮތާމެދު ހިތްމަ ނުޖެހޭ ކަމަށް ވިދާޅުވުމަށް ފަހު އެވެ.
ޑރ. އަފުރާޝީމް ވަޑައި ނުގެންނެވީ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ބައިވެރިވެ ވަޑައިގަންނަވާނަމަ ޖަލްސާގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ. ނޮވެމްބަރު 25 ވަނަ ދުވަހު ޖަލްސާ ދޫކުރެއްވައި ޑރ. އަފްރާޝީމް ވަޑައިގަތީ ވެސް ޖަލްސާއަށް ސަވާދު ވަޑައިގަތުމުންނެވެ.
ޖޭއެސްސީގެ މެންބަރު އަބްދުﷲ ދީދީ ވަޑައި ނުގަތީ ސަލާމް ވިދާޅުވުމަށްފަހު އެވެ.
އަބްދުﷲ ޝާހިދު ވަޑައި ނުގަތީ މަޖިލީހުގެ މަސައްކަތްތައް ހުރި ގޮތުން ދަތިފުޅު ކަމަށް ވިދާޅުވެފަ އެވެ. ހައިކޯޓްގެ ފަނޑިޔާރު އަބްދުލް ޣަނީ ވަޑައި ނުގަތީ ޓްރޭނިން ސެޝަނެއްގައި އުޅުއްވަން ޖެހިވަޑައިގެން ވަގުތު ދެވެން ނެތިގެނެވެ.
ކޮމިޝަންގެ ރައީސް ވަޑައި ނުގަތީ އޮފީހުގެ މަސައްކަތްތައް ހުރި ގޮތުން ދަތިފުޅުވެގެނެވެ. މިއަދު އޮތް ޖަލްސާއަށް ޑރ. އަހުމަދު އަލީ ސަވާދު ވަޑައި ނުގަތީ ބަސްފުޅެއް ވިދާޅު ނުވެއެވެ.
ކޯރަމްގެ މައްސަލަ އާއި ޖަލްސާ ވޯކައުޓް ކުރުމާއި އެނޫންވެސް ބައިވަރު މައްސަލަތަކާއި އުޒުރުތައް ފުނިޖެހިފައިވާ ޖޭއެސްސީގެ ޖަލްސާއަށް މިއަދު ވަޑައިގަންނެވީ ޝުއައިބު އަބްދުއް ރަހުމާނާއި މުހައްމަދު ފަހުމީ ހަސަނާއި އަހުމަދު ރަޝީދެވެ.