20 Nov 2013, 15:53
ރަށު ތަރައްގީ އަށް މަސައްކަތް ކުރާ، އަންހެނުން ކުރިއަރުވާ ކޮމެޓީތަކުގެ އެއް މެންބަރަކީ ރަށު ކައުންސިލަށާއި ސިޓީ ކައުންސިލުގައި ހިމެނޭ މެންބަރަކަށް ހެދުމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނީ ދެން ބާއްވާ ލޯކަލް ލައުންސިލް އިންތިހާބާ އެކު އިލެކްޝަންސް ކޮމިޝަނުން އަންހެނުން ކުރިއަރުވާ ކޮމެޓީގެ އިންތިހާބު ވެސް ބޭއްވުމަށް ގާނޫނަށް އިސްލާހް ގެނައުމަށް ފެންނަ ކަމަށެވެ. އަދި އަންހެނުން ކުރިއަރުވާ ކޮމެޓީ އަށް މެންބަރުން ހޮވާނީ ވެސް އެ ރަށެއްގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓުން ކަމަށް ކަނޑައެޅުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހް ގެނައުމަށް ފެންނަ ކަމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.
މިހާރު ރަށްތަކަށް އިންތިހާބުކޮށްފައިވާ އަންހެނުން ކުރިއަރުވާ ކޮމެޓީގެ އިންތިހާބު ބާއްވާފައި ވަނީ ރަށު ކައުންސިލުން ކަމަށްވާ އިރު އެ ކޮމެޓީ އަށް މެންބަރުން އިންތިހާބު ކޮށްފައިވަނީ ވެސް އަންހެނުން އެކަނި ވޯޓުލައިގެންނެވެ.
ގާނޫނަށް ގެނައުމަށް ކޮމެޓީން މިއަދު ނިންމި އިސްލާހްތައް އަންނަ އަހަރުގެ ޖެނުއަރީ 18 ކުރިން މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ މިހާރު އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ މީހުން އަދަދު މަދުވާނެ އެވެ. އެގޮތުން އެއް ގޮނޑި ކޮންމެ ކައުންސިލަކު މަދުވާނެ އެވެ. އަދި އޭގެ ބަދަލުގައި އެ ގޮނޑިއަށް އައްޔަން ކުރެވޭނީ އަންހެނުން ކުރިއަރުވާ އެންމެ ގިނަ ވޯޓު ހޯދައިގެން އިންތިހާބުވާ މެންބަރެކެވެ.