ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު މަރާލި މައްސަލައިގެ ހުކުމް ވަރަށް އަވަހަށް އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ދެ ހާސް ދިހަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޝުހާދު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ފުވައްމުލަށް ކަރަންކާއާގޭ ހަސަން ފަރީދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާ އިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނައަތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާ ކަމަށެވެ.

މިއަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް މިއަދު އަޑުއެހުމެއް ބާއްވާފައި ވަނީ އެ މައްސަލައާ ގުޅިގެން އިތުރަށް ވާހަކަ ދައްކަން ބޭނުންކަމަށް ބުނެ ފަރީދު ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަރީދު ބުނީ އޭނާ އަކީ ވައަތްތެރިއެއް ކަމަށާއި އެހެންކަމުން އޭނާގެ ކަނައަތުގައި އޮތް ވަޅި ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ހަރާލިކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ބުނީ ދައުލަތުން ހުށަހެޅި ހެކީން ތަހުގީގަށް ދީފައިވާ ބަޔާނާއި ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

ހެކީން ބުނެފައި ވަނީ ޝުހާދު ގަޔަށް ފަރީދު ވަޅިހަރާފައި ވަނީ އިތުރު ބަޔަކާ އެކު ސައިކަލްތަކެއްގައި ދޫޑިގަން ބޮޑުފަންނުމަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް ކަމަށެވެ.

ފަރީދު ބުނީ އޭނާ ސައިލްގައި ދިޔަކަމަށް ބުނާއިރު އެއީ ކޮން ބްރޭންޑެއްގެ ސައިކަލެއްކަން ސާފުކޮށް ހެކީންނަށް ބުނެދެވިފައިނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ދައުލަތުން ދައްކަން ބޭނުންވާ ހުރިހާ ވާކަތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް އެދޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މެޔާއިދިމާލު ކަނާތު އަރިކައްޓަށް ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް ޝުހާދު މަރުވެފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.