ރަށުގެ ނުވަތަ ސަރައްދުގެ ނުވަތަ އަވަށުގެ އާބާދީ 10،000 އަށްވުރެ ދަށް ނޫން ނަމަ އެތަނަކީ ސިޓީއެއްގެ ގޮތުގައި ގާނޫނަށް ހުށަހެޅި އިސްލާހް ފާސްކުރުމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ސިޓީގެ ދަރަޖަ ދެވޭނީ ރަށުގެ ނުވަތަ ސަރައްދުގެ ނުވަތަ އަވަށުގެ އާބާދީ 25،000 އަށްވުރެ މަދު ނޫން ތަންތަނަށް ކަމަށް ދިވެހިރާއްޖޭގެ ރަށްތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ މާއްދާ އިސްލާހުކޮށް 10،000 މީހުންގެ އަބާދީ އޮންނަ ތަންތަނަށް ސިޓީގެ ދަރަޖަ ދިނުމަށް ފެންނަ ކަމަށް ކޮމެޓީން ފާސްކުރީ ޕީޕީއެމްއާއި އެމްޑީޕީއާއި އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓު ދީގެންނެވެ.

ސިޓީގެ ދަރަޖަ ފާސްވެގެންދާނީ މަޖިލީހުގެ ތަޅުމުން އެ ބިލު ފާސްކުރުމުންނެވެ. އަދި އެ އިސްލާހުގައި ބުނެފައިވާ ގޮތުން ދެން އޮންނަ ކައުންސިލް އިންތިހާބު ބޭއްވެން ވާނީ އެ އިސްލާހާ އެކު ކަމަށް ބުނެފައިވާއިރު އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ސިޓީ ދަރަޖަ މިހާރު ލިބިގެންދާނީ ޏ. ފުވައްމުލަކަށެވެ. އެ ރަށުގެ އާބާދީގައި 11،900 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދެ އެވެ.

"ރާއްޖޭގެ ރަށްތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް " 2011 ވަނަ އަހަރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ހުށަހެޅުއްވި އިސްލާހް ކޮމެޓީން ފާސްކުރުމަށް ވޯޓު ދެއްވަނީ ޖުމްހޫރީ ޕާޓީގެ މެންބަރު ޝިފާގުގެ އިތުރުން ގުރަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ އާއި މަޑައިވެލި ދާއިރާ އެމްޑީޕީ މެންބަރު އަހްމަދު ނާޒިމާއި މަނަދޫ ދާއިރާ އެމްޑީޕީ މެންބަރާއި މުހައްމަދު ތޯރިގާއި ގަމު ދާއިރާގެ މެންބަރު ޔޫސުފު އަބްދުލް ޣަފޫރު އެވެ.