20 Nov 2013, 14:52
ސީޝެލްސްއާ ދެކޮޅަށް ގައުމީ ޓީމް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރި ކަމުގެ ތިން މެޗަށް ގައުމީ ޓީމްގެ ސްކޮޑުގައި ހިމެނި، ބީޖީ ސްޕޯޓްސްގެ ފޯވާޑް އަޝްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ބީޖީގެ މިޑްފީލްޑަރު ފަރުހާދު އިސްމާއީލްއަށް ޓީމުން ޖާގަ ދީފި އެވެ.
ގައުމީޓީގެ ކޯޗު ކަމާ ވަގުތީ ގޮތުން ހަވާލުވެހުރި ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) ސަން އަށް ބުނީ، ފަރިތަކުރުން ތަކުގައި އުޅެނިކޮށް އަޑުބެރޭގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ބަދަލުގައި ފަރުހާދަށް ފުރުސަތު ދިނީ ކަމަށެވެ.
"މީގެ ދެތިން ދުވަސްކުރިން ޕްރެކްހުގައި އުޅެނިކޮށް އަޑުބަރޭގެ ފަޔަށް އަނިޔާ ލިބުނީ. އަދި ދުވަސް ތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން އެބަޖެހޭ. އެހެން ކަމުން އަޅުގަނޑުމެން މި ޖެހެނީ ބަދަލުގައި އެހެން ކުޅުންތެރިއަކު ނަގަން. އެގޮތުން އަޑުބަރޭގެ ބަދަލުގައި ފަރުހާދަށް ފުރުސަތު ދީފައި މިވަނީ،" އައްޔަ ބުންޏެވެ.
މިފަހަރުގެ ސާފްޗެމްޕިއަންޝިޕަށް ގައުމީ ޓީމް އެކުލަވައިލިއިރު، ކުރީގެ ކޯޗު އިސްތަވާން އުރުބާނީ ވަނީ ޑިސިޕްލިނަރީ މައްސަލައެއްގައި ކަމަށް ބުނެ ތަޖްރިބާކާރު މިޑްފީލްޑަރު ސްކޮޑުން ބާކީ ކޮށްފަ އެވެ.
ސީޝެލްސްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ކުޅޭނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާއެވެ. އަދި އަނެއް ދެ މެޗު ކުޅޭނީ ސީނިއާ ޓީމާ ދެކޮޅަށެވެ. އެ ދެމެޗު ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު އެވެ.
އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ގައުމީ ޓީމް ސީޝެލްސްއަށް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި މެޗުތައް ކުޅުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.