ޖެނުއަރީ މަހުގެ ޓްރާންސްފާގައި ބަޔާން މިއުނިކް އިން ކުޅުންތެރިން ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެކްލަބުގެ ސީއީއޯ ކާލް ހެއިންޒް ރުމިނޭޖް ބުނެފި އެވެ.

ބަޔާންގެ މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ ބަސްޓިއަން ޝްވެންސްޓެއިގާ، ހަވީ މާޓިނޭޒް، މާރިއޯ ގޮޓްޒޭ، ތިއާގޯ އަލްކެންޓަރާ، ޒާޑަން ޝަގީރީ، ކްލައުޑިއޯ ޕިޒާރޯ އަދި ހޮލްގާ ބަޑްސްޓޫބާ އަށް އަނިޔާވީ ނަމަވެސް ބަޔާން އިން ވަނީ މިސީޒަންގެ ކުރީ ކޮޅުގައި ރަނގަޅު ފެށުމަކުން ފަށާފަ އެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ބަޔާން އިން ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ތާވަލްގެ އެއްވަނައިގައި ހިތްހަމަ ޖެހިލާފަ އެވެ. އަދި ބުންޑަސްލީގާގެ އެއްވަނައިގައި އޮވެ ބަޔާން އިން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއްވެސް ހޯދާފަ އެވެ.

"އަހަރެމެން ޓީމްގައި މޮޅެތި ކުޅުންތެރިންތަކެއް އެބަ ތިބި. ކުޅުންތެރިންތަކަކަށް އަނިޔާއާއި ކުރިމަތިވީ ނަމަވެސް އަހަރެމެންނަށް އެކަންތައް ފޫބެއްދިދާނެ. އެހެންކަމުން އަންނަ ޖެނުއަރީގައި އިތުރު ކުޅުންތެރިއަކު ހޯދުމުގެ ވިސްނުމެއް ނެތް. ޓީމުން ހޯދަމުން ގެންދާ ކުރިއެރުންތަކާމެދު ވަރަށް ހިތްހަމަޖެހޭ." ރުމިނޭޖް ބުންޏެވެ.

ކުޅުންތެރިންނަށް ދިމާވާ އަނިޔާއަށް ބަލާފައި އިތުރު ކުޅުންތެރިއެއް ހޯދުމުގެ ވިސްނުމެއް ފަހުން ގެންގުޅެން ޖެހިދާނެ ކަމަށްވީ ނަމަވެސް މިވަގުތު އެކަހަލަ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ބަޔާންގެ ސްޕޯޓިންގް ޑިރެކްޓަރު މެތިއަސް ސޭމާ ވެސް ވަނީ ބުނެފަ އެވެ.

"މިވަގުތު އެކަހަލަ އެއްވެސް ވިސްނުމެއް ނެތް. މިވަގުތު އަހަރެމެން އެއްވެސް ކަމެއް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅެން. ނަމަވެސް ކުޅުންތެރިންގެ އަނިޔާތަކަށް ބަލާފައި ފަހުން އެވިސްނުން ބަދަލުކުރަން ޖެހިދާނެ." ސޭމާ ބުންޏެވެ.

ބުންޑަސްލީގާގައި ބަޔާން އިން ކުރިމަތިލާނެ އެންމެ މުހިންމު އެއް މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު ލީގުގެ ދެވަނާގައި އޮތް ބޮރޫސިއާ ޑޯޓްމުންޑް އާއި ދެކޮޅަށް ކުޅޭ މެޗެވެ. ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅޭ އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އެރޭ 10:30 ގައެވެ.