20 Nov 2013, 14:01
އިންޓަރ ކޮންފެޑެރޭޝަން ޕްލޭއޮފް މެޗުގެ ދެވަނަ ލެގްގައި މިއަދު 2-4 އިން ނިއުޒިލެންޑް ބަލިކޮށް އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުން މެކްސިކޯ ޖާގަ ހޯދައިފި އެވެ. މި މެޗުގައި މެކްސިކޯގެ އޮރިބް ޕެރަލްޓާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
ވޯލްޑްކަޕަށް ކޮލިފައިވުމަށްޓަކައި އޯޝޭނިއާގެ ޗެމްޕިއަން ނިއުޒިލެންޑާއި މެކްސިކޯ ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ލެގް އަމިއްލަ ގައުމުގައި މެކްސިކޯ ކާމިޔާބުކުރީ 5-1 އިންނެވެ.
މިއަދު ވެލިންގްޓަންގެ ރީޖަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓްގައި ޕެރަލްޓާ ކާމިބުކޮށްދިން އިރު ދެވަނަ ލަނޑު 29 ވަނަ މިނިޓްގައި އަދި ތިންވަނަ ލަނޑު 33 ވަނަ މިނިޓްގައި ކާމިޔާބުކޮށް އޭނާވަނީ ހެޓްރިކެއް ހަދައިފަ އެވެ.
ނިއުޒިލެންޑުން މެޗުގައި ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސް ޖޭމްސް އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޯރީ ފެލޮންއެވެ. މެކްސިކޯގެ ފަހު ލަނޑު 87 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޯސް އަލްބާޓީ ޕީނާ އެވެ.
އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑްކަޕަށް މެކްސިކޯ ކޮލިފައިވެފައިވާ އިރު އުތުރު އަދި މެދުތެރޭ އެމެރިކާއާއި ކެރީބިއަން ހިމެނޭ ޒޯނުން ވޯލްޑްކަޕްގެ ޖާގަ ކަށަވަރު ކޮށްފައިވާ އެހެން ގައުމުތަކަކީ، ކޮސްޓަރިކާ، ހޮންޑޫރަސް އަދި އެމެރިކާ އެވެ.
އަދި ނިއުޒިލޭންޑުން ގްރޫޕް ސްޓޭޖް ކާމިޔާބުކޮށް ޕްލޭއޮފްގެ ޖާގައެއް ފަސޭކަމާ އެކު ހޯދި ނަމަވެސް، މެކްސިކޯ އަތުން 9-3ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއިން ބަލިވުމުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕްގައި ކުޅުމަށް އެޓީމުން ކުރި އުންމީދު ފެނަށް ދިޔައީ އެވެ.
މިފަހަރުގެ މުބާރާތާއެކު މެކްސިކޯއިން ވޯލްޑްކަޕްގައި ޖެހިޖެހިގެ ހަވަނަ ފަހަރު ކުޅުމަށް ތައްޔާރުވަމުންދާއިރު މިއީ އެޓީމު މިމުބާރާތުގައި ވާދަކުރާ 15 ވަނަ ފަހަރެވެ.