ޔުވެންޓަސްގެ ތަޖުރިބާކާރު އިޓަލީ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ރެއާލް މެޑްރިޑާއި ގުޅުމަކީ ނާދިރުކަމެއް ކަމުގައި އެކްލަބުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފި އެވެ.

އޭސީ މިލާނަށް އެންޗެލޮޓީ ކޯޗުކޮށްދިން އިރު ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ޕިރްލޯގެ އިސްދައުރު ފާހަގަކޮށްލެވެ އެވެ. އެންޗެލޮޓީ ވަނީ 2003 އަދި 2007 ވަނަ އަހަރު މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2004 ވަނަ އަހަރުގެ އިޓާލިއަން ސެރީއާ ކާމިޔާބުކޮށްފަ އެވެ.

ޔުވެންޓަސް އާއެކު ޕިރްލޯ ހަދާފައިވާ އެއްބަސްވުން މިސީޒަން ނިމޭއިރު ހަމަވާ އިރު، އޭނާގެ ނިންމުން ހުރި ގޮތް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އަންނަ ސީޒަނުގައި އެހެން ކްލަބަކުން ޕިރްލޯ ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އިނގިރޭސި ކްލަބުތަކަކުން ޕިރްލޯ ހޯދުމުގެ މަސައްކަތް ފަށާފައިވާ އިރު، ސްޕެއިންގެ ކްލަބަކުން އޭނާ ފެނުމަކީ ވެސް ގާތް ކަމެކެވެ.

"އަހަރެންނާއި ޕިރްލޯ އާއި އޮންނަ ގާތް ގުޅުން އެންމެންނަށް ވެސް އެނގޭނެ. ނަމަވެސް މެޑްރިޑާއި އޭނާ ގުޅުމަކީ ވަރަށް ނާދިރު ކަމެއް. ޕިރްލޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިހާރު ވެސް އޭނާ އަކީ މޮޅު ކުޅުންތެރިއެއްކަން ސާބިތު ކޮށްދެމުން އެދަނީ." އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ މިލާން ދޫކޮށް ދިޔަތާ ދެއަހަރު ފަހުން ޕިރްލޯ ވަނީ މިލާން ދޫކޮށް ޔުވެންޓަސް އާއި ގުޅިފަ އެވެ. އޭރު އެންޗެލޮޓީ ހުރީ ޗެލްސީގެ ކޯޗުކަމާއި ހަވާލުވެ އެވެ. ޔުވެންޓަސް އާއި ގުޅުމަށްފަހު ޕިރްލޯ ވަނީ އެކްލަބާ އެކު ޖެހިޖެހިގެން ދެފަހަރު ސެރީއާ ހޯދާފަ އެވެ.