20 Nov 2013, 14:01
ޕަވާ ހޯސް ނޭޝަނަލް ވޮލީބޯލް ލީގުގެ ދެ ވަނަ ބުރުގައި ރޭ ދިވެހި ސިފައިގެ ކުލަބު އަތުން ސީދާ ތިން ސެޓުން ކުލަބް ޕީކޭ މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެމެޗުގެ ސެޓްތައް ކުލަބް ޕީކޭއިން ކާމިޔާބު ކޮށްފައި ވަނީ 25-15، 25-21 އަދި 25-23 އިންނެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ޕީކޭގެ އިސްމާއިލް ސާޖިދެވެ.
މިމުބާރާތުގައި މާދަމާ ވެސް ވަނީ ދެ މެޗް ކުޅުމަށް ހަމަޖެހިފަ އެވެ. އެގޮތުން މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ ކުލަބް ޕީކޭ އާއި ޔޫތު ސްޕޯޓްސް ކުލަބެވެ. ދެ ވަނަ މެޗުގައި މާދަމާ ރޭ 9:30 ގައި ބައްދަލުކުރާ ދެޓީމަކީ ސިފައިން ނާއި ޕޮލިހުން ނެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ބުނީ، ގައުމީ ލީގަށް ފަހު، ގައުމީ ވޮލީބޯޅަ މުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.