އިއްޔެ ފެށި 38 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ބައިވެރިވި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)ގެ ޓީމުން ހަތަރު އިވެންޓެއް ކާމިޔާބުކޮށްފި އެވެ.

ފަތާ ޓްރެކްގައި އިއްޔެ ކުރިއަށް ދިޔަ މިމުބާރާތުގައި ޑީއެސްސީ އިން ކާމިޔާބުކުރި ހަތަރު އިވެންޓްގެ ތެރޭގައި ފިރިހެން ބައިން 100 މީޓާ ފްރީސްޓައިލާއި އަންހެން ބައިން 100 މީޓާ ބެކް ސްޓްރޯކާއި ފިރިހެން ބައިން 400 މީޓާ ފްރީސްޓައިލް ރިލޭގެ އިތުރުން އަންހެން ބައިން 400 މީޓާ ފްރީސްޓައިލް ރިލޭ ހިމެނެ އެވެ.

ޑީއެސްސީން އިއްޔެ ކާމިޔާބު ކުރި އިންޑިވިޖުއަލް އިވެންޓްތަކުގެ ތެރެއިން ފިރިހެން ބައިން 100 މީޓާ ފްރީސްޓައިލް ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ނަޒްރާން ނަޒީފެވެ. ހަމަ އެ އިވެންޓުގެ ދެވަނަ ހޯދާފައި ވަނީ މުހައްމަދު ޒަޔާން ސަނީފެވެ. އަދި އަންހެން ބައިން 100 މީޓާ ބެކްސްޓްރޯކް ކާމިޔާބުކޮށްފައި ވަނީ އައިޝަތު އަންހާ ހައިޝަމެވެ.

އިއްޔެ އިންފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔލަށް މާލޭ ޓްރެކް ސަރަހައްދުގެ ފަތާ ފެންގަޑުގައި ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވާ ޑީއެސްސީގެ ޓީމުގައި ދިހަ ފެތުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ތަމްރީންތައް ހަދަމުން އަންނަ ފެތުންތެރިން ވެސް ހިމެނެ އެވެ. މިއީ ސިފައިންގެ ޓީމެއް ފެތުމުގެ މުބާރާތެއްގައި އާންމުން ހިމެނިގެން ބައިވެރިވާ ފުރަތަމަ މުބާރާތެވެ. މިމުބާރާތުގައި ޑީއެސްސީ ޓީމްގެ ކޯޗެއްގެ ގޮތުން މަސައްކަތް ކުރައްވަނީ މިހާރު ރާއްޖޭގެ ޤައުމީ ފަތާ ޓީމުގެ ކޯޗްކަމަށްވާ އިސްމާއިލް ފަރުހާނެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރައް ވަނީ އެމްއެންޑީއެފްގައި މަސައްކަތްކުރައްވާ ސީނިއާ ސުވިމިން އިންސްޓްރަކްޓާ ސާޖަންޓް އަހުމަދު ޒުނެއިޖެވެ.

މިފަހަރުގެ މުބާރާތުގެ އޯޕަން ކެޓަގަރީގައި 105 ފެތުންތެރިންނާއި ޓީމު އިވެންޓްގައި 10 ޓީމް ވަނީ ބައިވެރިވެފަ އެވެ.

ސްވިމިން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގެ އޯޕަން ކެޓަގަރީގައި 105 ފެތުންތެރިން ބައިވެރިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 14 އަހަރުން މަތީގެ ފެތުން ތެރިން ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ހިމެނޭ އަންހެން ފަސް ޓީމާއި ފިރިހެން ފަސް ޓީމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކުން ބައިވެރިވެފައި ވަނީ ކޮންމެ ޓީމަކުން ވެސް ތިން ފެތުންތެރިން ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށައެޅިފައިވާއިރު ދެ ވަނަ ޓީމަށް ހަތް ހާސް ރުފިޔާ އަދި ތިން ވަނަ ޓީމަށް ފަސް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.