މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އަށް ލައްކަ އަށް ވުރެ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް،183 818 ޓޫރިސްޓުން އައިރު ސެޕްޓެމްބަރު މަހު އެކަނި ވެސް 92،206 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20.1 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއައިސްފައި ވަނީ 76،806 ޓޫރިސްޓުންނެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި ވެސް 35،009 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 39 ޕަސެންޓްގެ އިތުރުވުމެކެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން އެކަނި ވެސް 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއް ޕަސެންޓް މަދު އަދަދެކެވެ.