05 Dec 2010, 11:34
ރާއްޖޭގެ މަތީ ތަޢްލީމުގެ މުސްތަޤްބަލް ގުޅިފައި ވަނީ، ރާއްޖޭގެ ޑިމޮކްރަސީގެ މުސްތަޤްބަލާ ކަމަށާއި ހަރުދަނާ ތަޢްލީމީ ނިޒާމަކާނުލައި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއަކަށް ދެމިނޯވެވޭނެ ކަމުގައި ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ވާލްޑް ބޭންކްގެ އެހީގައި މިހާރު ހައްދަވަމުން ގެންދަވާ ރާއްޖޭގެ މަތީތަޢްލީމާ ބެހޭ ދިރާސާގެ ބައެއްގެ ގޮތުގައި ރާއްޖޭގެ މަތީ ތަޢްލީމާ ބެހޭ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯއްދެވުމަށް ބޭއްވެވި ވަކްޝޮޕް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމަށްޓަކައި ޓްރޭޑަސް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މުޖްތަމަޢުގެ އެންމެ އަސާސީ ފިލޯސަފީގެ މައްޗަށް ފިކުރު ހިންގޭ ފެންވަރުގެ ތަޢުލީމީ ބަޔަކު މިޤައުމުގައި ނުއުފެދޭ ނަމަ، ޑިމޮކްރަސީއެއްގައި މުހިންމު، ތަފާތު ޚިޔާލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޢިލްމީ މާޙައުލެއް ޤާއިމް ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޤާއިމް ކުރަން އަޅުގަނޑުމެން މި އެދޭ، މިނިވަން ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ޤާއިމް ނުކުރެވޭނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަދަ ޢިލްމީ މުޖުތަމަޢެއް އުފެއްދުމަށްޓަކައި، ފަށާ ތަޢްލީމާއި، އަދި މަތީ ތަޢްލީމުގެ ނިޒާމުގެ ތެރޭގައި ލިބަރަލް އާޓްގެ މާއްދާތައް ކިޔަވައިދިނުމަށް އިސްކަން ދިނުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ޤައުމީ ޔުނިވަސިޓީއެއް ޤާއިމް ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޔުނިވަސިޓީއެއް ހުރުމުގެ މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން، ރާއްޖޭގައި ޔުނިވަސިޓީއެއް ހުރުމުގެ ބޭނުމަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމާއި، އަދި ޢިލްމީ ފެންވަރެއްގައި މުޖްތަމަޢުގެ ކަންކަމާ ބެހޭ ގޮތުން ބަޙުޘް ކުރެވޭފަދަ މަޢްލޫމާތު މުއްސަނދި މުޖުތަމަޢެއް ރާއްޖޭގައި ޤާއިމް ކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޚާއްޞަ އަދި އެހެން ޤައުމުތަކާ އަޅާބަލާ އިރު، ރާއްޖެއާ ބޮޑަށް ގުޅުންހުރި ރާއްޖެއަށް އެދާއިރާތަކަށް ޚާއްޞަ ޚިދްމަތްތަކެއް ފޯރުވައިދެވިދާނެ ދާއިރާތަކަށް ޚާއްޞަ ތަޢްލީމީ މަރުކަޒެއް ޤާއިމް ކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
މި ވަރކްޝޮޕަކީ، ރާއްޖޭގައި މަތީ ތަޢްލީމުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް އަމާޒު ކުރައްވައިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ވާލްޑް ބޭންކުގެ އެހީގައި މިހާރު ކުރިއަށް ގެންދަވާ ރާއްޖޭގެ މަތީ ތަޢްލީމާ ބެހޭ ދިރާސާގައި ރާއްޖޭގައި މިދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހިމެނުމަށް ހިންގެވި އެއް ދުވަހުގެ ވާރކްޝޮޕެއް ކަމަށް ރައީސް އޮފިހުން ބުންޏެވެ.