20 Nov 2013, 13:24
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މުސާރަ ކުރިން ހުރި ވަރަށް 62000 ރުފިޔާ އަށް ކުޑަކޮށްފި އެވެ.
އެމްޕީއެލްގެ ސީއީއޯގެ މުސާރަ 62000ރ. އަށް ކުޑަކޮށްފައިވާ އިރު މީގެ ކުރިން ދެމުންގެންދިޔައީ 132،000ރ. އެވެ. އެ މުސާރަ ދޭން ފެށީ މިދިޔަ އަހަރު އެވެ.
އެމްޕީއެލް އިން މިއަދު ބުނީ އެގޮތަށް އެ ކުންފުނީގެ ބޯޑުން އިއްޔެ ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތައް ތާއިދުކުރުމުގެ ގޮތުން ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯގެ މުސާރަ 132،000ރ. އަށް ޑިރެކްޓަރުންގެ ބޯޑުން ބޮޑުކުރި އިރު ސީއީއޯއަކަށް ހުންނެވީ މަހުދީ އިމާދެވެ. އެ ކުންފުނީގެ ސީއީއޯގެ މުސާރަ ބޮޑުކުރުމާ ގުޅިގެން އެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ކަމަށް ރައީސް ވަހީދުގެ ވެރިކަމުގައި ބަދަލުކުރައްވައިފަ އެވެ. އަދި އެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ލަތީފް ރައީސް މުހައްމަދު ވަހީދު ވަނީ އައްޔަންކުރެއްވި އިރު މިސަރުކާރުން އޭނާ ވަނީ އެމަގާމުން ވަކިކޮށްފަ އެވެ.
ޔާމީންގެ ސަރުކާރުން ވަނީ ލަތީފު މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އެ މަގާމަށް އަދި ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެ އެވެ.