ބަޖެޓަށް ގެންނަ ބަދަލުތަކާ އެކު އަންނަ ހޯމަ ދުވަހު ބަޖެޓް މަޖިލީހަށް ހުށައެޅޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބުދުއްﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ މިސަރުކާރުން ހިންގުމަށް ނިންމާފައިވާ ކަންކަމާއި ކުރިން ހުށައަޅާފައިވާ ބަޖެޓާއި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި އެބަދަލުތަކާ އެކު މިއަންނަ ހޯމަ ދުވަހަށް އާ ކަންކަންކަމާ އެކު ބަޖެޓް މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.

"އާ ސަރުކާތުން ވައުދުތަކެއް ވެސް ކުރައްވާފައި އެބަ ހުރި، އެވައުދުތަކަށް ކޯސްޓެއް ވެސް ހަދަން ވެސް ޖެހޭނެ، އަދި އާ ސަރުކާރަށް މިވީ ތިން ދުވަސް، އެ މަސައްކަތް ކުރިއަށް އެބަދޭ. އެ މަސައްކަތް ނިންމާލެވޭނެ ގާތްގަނޑަކަށް ފަސް ދުވަސްތެރޭގައި." ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާ އިރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަޖެޓް ރަނގަޅަށް ހިންގޭނީ އާންމުދަނީ ހޯދުމަށް ހުށައަޅަފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމުން ކަމަށާއި މިއަންނަ އަހަރަށް ވެސް ބަޖެޓަށް އާމްމުދަނީ ހޯދުމަށް ހުށައަޅަފައި ވާނީ މިދިޔަ އަހަރު ހުށައަޅަފައިވާ ކަންކަން ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ސަރުކާރުން ބޭނުންވާ ހިސާބްގައި އެ ބިލްތައް ފާސްބެއްޖެ ނަމަ 2.2 މިލިއަން ރުފިޔާގެ އާންމު ދަނީއެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހަރަދުތައް ކުޑަކުރުން ކަމަށާއި އެންމެ ބޮޑު ހަރަދެއް ބަޖެޓުން ކުރެވެނީ މުސާރަތަކަށް ކަމަށެވެ. އެއް ބިލިއަން ހަރަދު ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ އިރު ސަބްސިޑީތައް އިތުރުކުރުމަކީ ހަރަދު ބޮޑުވާނެ ކަމެއް ކަމަށާއި އެހިސާބްތައް ހެދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ހުށައަޅާ ބަޖެޓް އިތުރު ވަގުތުގެ ފައިސާ ވެސް ފަސް ޕަސެންޓަށް ކުޑަކޮށްފައިވާ އިރު ނޮންޕުރެކްޓިސް އެލަވަންސް 35 ޕަސެންޓް ހިފަހައްޓާފައިވެ އެވެ. އަދި ސަބްސިޓީވެސް ޓާގެޓްކޮށްގެންދޭ ގޮތަށް ނިންމާފައިވާ އިރު އާ ޕީއެސްއައިޕީއެއް ބަޖެޓުން ހަރަދުކޮށްގެން ނުހިންގުމަށް ވަނީ ނިންމާފަ އެވެ.