20 Nov 2013, 13:03
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑަށް ސަރުކާރުން ހުށަހަޅާފައި ނަންތަކަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އަންގާފައިވާތީ އެ ބޭންކުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އިއުލާން ކުރި ޖަލްސާ ފަސްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި އިއުލާނެއްގައި އެ ޖަލްސާ ފަސްކުރި ވަކި ތާރީހެއް ނުބުނެ އެވެ.
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ބޭންކްގެ ޗެއާނަކަށް ހުށަހެޅުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރެވެ. އަދި ބޯޑަށް ސަރުކާރުން އައްޔަން ކުރައްވާ މެންބަރުންގެ ގޮތުގައި ބޭންކްގެ އެކްޓިން ސީއީއޯ އައިޝަތު ނޫރައްދީން އާއި މިހާރު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވާ މ. ސީނުކުރަންކާގެ، އާދަމް އާޒިމާއި ބޯޑު މެމްބަރު ހުޅުމާލެ، 71 ޖީ 01، ހަސަން ޝަމީމާއި ބޯޑު މެމްބަރު މއ. ޕޮޕީ ޑރ. އިސްމާއިލް ޝަފީއު އާއި ކުރީގެ ޕަބްލިކް އެންޓަޕްރައިސަސް އެންޑް މޮނިޓަރިން އިވެލުއޭޝަން ބޯޑުގެ ސީއީއޯ ފާތިމަތު މުއާޒާ އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ކުރީގެ ރައީސް މުހައްމަދު އަމްޖަދު ހިމެނެ އެވެ.