ޔުވެންޓަސް އަށް ކުޅެމުންދާ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ކުރިން ކުޅުނު ކްލަބު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމުން އޭނާ ހޯދަން މަސައްކަތް ނުކުރުމަކީ މެންޗެސްޓާ ސިޓީ އިން ހެދި ގޯހެއް ކަމުގައި ސިޓީގެ ކުރީގެ މިޑްފީލްޑަރު ޕެޓްރިކް ވިއޭރާ ބުނެފި އެވެ.

އުމުރުން ވިހި އަހަރުގެ ޕޮގްބާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، ޔުވެންޓަސް އާއި ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. ޔުވެންޓަސް އާއި ގުޅުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕޮގްބާ ވަނީ އެކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާފަ އެވެ. ޔުވެންޓަސް އިން މިދިޔަ ސީޒަނުގައި ސެރީއާ ހޯދުމުގައި ވެސް ޕޮގްބާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެ އެވެ.

ސިޓީގެ ފުޓްބޯލް ޑެވެލޮޕްމެންޓް އެގްޒެކެޓިވްގެ މަގާމް ދެ އަހަރު އަދާކުރުމަށް ފަހު އެކްލަބުގެ ރިޒާވް ސްކޮޑްގެ މެނޭޖަރެއްގެ ދައުރު އަދާކުރަމުންދާ ޕެޓްރިކް ވިއޭރާ ދެކޭގޮތުގައި ޕޮގްބާ އެކްލަބާ އެކު ހުރިނަމަ އެއީ ކާމިޔާބެއް ކަމަށެވެ. ޕޮގްބާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށް ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލް އަށް ކެޕްޓަންކަން ކުރި ފްރާންސްގެ މިޑްފީލްޑަރު ވިއޭރާ ބުނެފައިވެ އެވެ.

"ގިނަ ބަޔަކު އަހަރެންނާއި ޕޮގްބާގެ ކުޅުން ވަރަށް އެއްގޮތް ކަމުގައި ބުނޭ. ނަމަވެސް ޕޮގްބާ ކުޅެމުންދަނީ ބޮޑަށް ކުރިއަށް ޖެހިގެން ޓެކްނިކަލް ގޮތަކަށް. އޭނާ އަކީ އަހަރެންނަށް ވަރަށް ރަނގަޅު މޮޅު ކުޅުންތެރިއެއް. އަހަރެންނަށް ކުރިން އޭނާ ޔުނައިޓެޑަށް ކުޅުނުތަން ފެނުނު. ޕޮގްބާ ޔުނައިޓެޑް ދޫކޮށްލުމުން ސިޓީ އޭނާ ނުހޯދުމަކީ ކްލަބުން ހެދި ގޯހެއް." ވިއޭރާ ބުންޏެވެ.

ޔުވެންޓަސް އާއި ޕޮގްބާ ގުޅުމަށްފަހު ސިޓީއިން ވަނީ ތަފާތު ތިން ސެންޓްރަލް މިޑްފީލްޑަރުން ހޯދާފަ އެވެ. އެކްލަބާއި ގުޅުނު ޖެކް ރޮޑްވެލް އާއި ހަވީ ގާސިއާ އަދި މިސީޒަނުގައި ސިޓީއާއި ގުޅުނު ފެނާންޑީނިއޯ އަށް ވެސް އަދި ވަނީ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ.