20 Nov 2013, 12:48
ސްޕެއިންގެ ބާސެލޯނާގެ އަނިޔާގެ ލިސްޓަށް އެކްލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒްގެ ނަން އަރައިފި އެވެ. ޒަވީގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށް ޓެސްޓްތަކުން ދެއްކުމުން އޭނާ އަށް ސްޕެނިޝް ލަލީގާގައި ގްރެނޭޑާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވެދާނެ ކަމަށް ވަނީ ސުވާލު އުފެދިފަ އެވެ.
މިހަފްތާގައި ސްޕެއިން ގައުމީ ޓީމް ގިނޭ އާއި ސައުތް އެފްރިކާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗްތަކަށް ނަގާފައިވާ ސްކޮޑުން ވެސް ޒަވީ އަށް ޖާގަދީފައެއް ނުވެ އެވެ. ނަމަވެސް ކުރިން ޒަވީ ބުނީ، އެއީ މާ ސީރިއަސް ފިޓްނަސް މައްސަލައެއް ނޫން ކަމަށާއި އަރާމްކޮށްލުމުން ރަނގަޅުވެދާނެ ކަމަށެވެ.
ބާސާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޒަވީގެ ފަލަމަސްގަނޑަށް އަނިޔާވީ މި ހަފްތާގައި ކްލަބާއެކު ފަރިތަކުރަމުން ދަނިކޮށެވެ. "ކްލަބުގެ މެޑިކަލް ޓީމުން ބުނާގޮތުގައި ޒަވީގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ. އެހެންކަމުން އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ޒަވީ ބައިވެރިވާން ޖެހޭނެ. އެއަށް ފަހު އެނގޭނީ ކުރިއަށް އޮތް މެޗުތަކުގައި ޒަވީއަށް ބައިވެރިވެވިދާނެތޯ ނުވަތަ ނޫންތޯ." ބާސާއިން ނެރުނު ބަޔާނުގައިވެ އެވެ.
ސެސް ފެބްރިގާސް އަށް ލިބުނު އަނިޔާ އިން ސަލާމަތްވެރި އޭނާ ވަނީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ އެވެ. އަދި ބާސާގެ ސްޕެއިންގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ޔޯޑީ އަލްބާގެ އަނިޔާ ވެސް ދަނީ ރަނގަޅުވަމުން ނެވެ. ބާސާ އަށް ދިމާވެފައިވާ އެންމެ ބޮޑު ހިތާމައަކީ އެކްލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނެލް މެސީ އަށް ކުރިމަތިވެފައިވާ އަނިޔާ އެވެ.
އަންނަ ހޮނިހިރުގެ ރޭ ރާއްޖޭ ގަޑިން 10:00 ގައި ލަލީގާގެ އެއްވަނާގައި އޮތް ބާސާ ނުކުންނަން ޖެހޭނީ ލީގުގެ އަށްވަނާގައި އޮތް ގްރެނޭޑާ އާއި ދެކޮޅަށެވެ.