20 Nov 2013, 12:02
ޓެކްސް ނެގުމާ ބެހޭ ކަންކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލުކުރަމުން ގެންދަނީ ދައުލަތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކަމަށް ރާއްޖޭގެ ޓެކްސްގެ މައި އިދާރާ އިން ބުނެފި އެވެ.
މީރާ އިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އިދާރާގެ ބޯޑު މެންބަރު ހުސެއިން ސިރާޖް ވިދާޅުވީ ޓޫރިސްޓް ރިސޯޓްތަކުން ދައުލަތަށް ނުލިބި ހުރި ބިމު ކުލި ހޯދުމަށް އެ އިދާރާ އިން ކޯޓްތަކުގައި ކޮށްފައިވާ ދައުވާތައް އަނބުރާ ގެނައުމާ ބެހޭ ގޮތުން ހޯމަ ދުވަހު ނެރުނު ނޫސްބަޔާން އާންމުންނާ ހަމައަށް ގެނެސްދިން އިރު ބައެއް މީޑިއާތަކުން އެ ހަބަރު ފަތުރާފައި ވަނީ، ޓެކްސް ދައްކާ ފަރާތްތަކަށް ވަރަށް ބޮޑަށް އޮޅުންއަރާ ފަދަ ގޮތަކަށް ކަމަށެވެ.
"މީރާ އިން ނެރުނު ނޫސް ބަޔާނުގައި އަޅުގަނޑުމެން ބުނެފައިވާނެ، ބައެއް ޓޫރިސްޓް ރިސޯޓްތަކުން ދައުލަތަށް ބިމު ކުލީގެ ގޮތުގައި ނުލިބި ހުރި ބައެއް ފައިސާއާ ބެހޭ ގޮތުން މީރާ އިން ސިވިލްކޯޓްގައި ކޮށްފައިވާ ބައެއް ދައުވާތައް އަނބުރާ ގެނެސްފައިވާނޭ ކަމަށް،" ސިރާޖް ވިދާޅުވި އެވެ. "އަޅުގަނޑުމެން ނިންމާފައިވާ ނިންމުމަކީ ކޮބައިކަމާއި އެ ނިންމުން ނިންމާފައި ވަނީ ކޮން ސަބަބުތަކާ ހުރެކަން އަޅުގަނޑުމެން އެ ނޫސްބަޔާނުގައި ވާނެ ބަޔާންކޮށްފައި. އެކަމަކު މި މައުލޫމާތު ގެނެސްދީފައިވާ ގޮތުން ބައެއް ފަރާތްތަކަށާއި ހާއްސަކޮށް ބައެއް ޓެކްސް ޕޭޔަރުންނަށް މި މައުލޫމާތު އޮޅުންއަރާފަދަ ގޮތަކަށް."
މީރާ އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން "ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދެވޭ ރައްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން" އެއިދާއާއިން ސިވިލްކޯޓްގައި މައްސަލަތަކެއް ކުރިއަށް ގެންދަނިކޮށް ޓޫރިޒަމް މިނިސްޓްރީއިން 2012 ވަނަ އަހަރުގެ ފަހުކޮޅާއި 2013 ވަނަ އަހަރުގެ ކުރީކޮޅުގައި "އެޑަމްޑަމް" ތަކެއް މެދުވެރިކޮށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވާތީ އެ މައްސަލަތަކަކީ މީރާއަށް ކުރިއަށް ގެންދެވޭނޭ މައްސަލަތަކަކަށް ނުވާތީ އަނބުރައި ގެންނަން މީރާގެ ބޯޑުން ނިންމީ ކަމަށެވެ.
"މީރާ އިން ޓެކްސްގެ ގޮތުގައި ދައުލަތަށް ބަލައިގަންނަ ފައިސާގެ ގޮތުގައި ދެބާވަތެއްގެ ފައިސާ އެބަ ހިމެނޭ. އެއީ ޓެކްސް ރެވެނިއުގެ ގޮތުގައި ގާނޫނުތަކުން، ޖީއެސްޓީ ފަދަ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ. އަނެއް ބާވަތަކީ، ނޮންޓެކްސް ރެވެނިއުގެ ގޮތުގައި ލިބޭފައިސާ. އެއީ ސަރުކާރުގެ ކޮންމެވެސް މިނިސްޓްރީއެއް މެދުވެރިކޮށް ދެން އެހެން ފަރާތަކާ އެކު ވެފައިވާ އެއްބަސްވެއްގެ ދަށުން ނަގާފައިސާ،" ސިރާޖް ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނޭ ފަދައިން އެއްބަސްވުމެއް ނުވަތަ އެގްރީމެންޓެއްގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ހައްގު ދައުލަތުން ހަގީގަތުގައި މި އުފަންވަނީ ވެސް އެ އެއްބަސްވުމުގެ ޒަރީއާ އިން. އެހެންވީމާ އެ އެއްބަސްވުމުގައި ހިމެނޭ ދެ ބައިވެރިން އެޑަމްޑަމެއް މެދުވެރިކޮށްގެން ނަމަވެސް އެއްބަސްވުމަށް ބަދަލެއް ގެނެސްފި ނަމަ ދެން އެފައިސާ ހޯދުމުގެ ހައްގެއް މީރާއަށް ލިބިގެނެއް ނުވޭ. ސަބަބަކީ އެއްބަސްވުމަށް ބަދަލުގެނައުމަށް ފަހު ދެން އަމަލުކުރަން ޖެހޭނީ ބަދަލުގެނެސްފައިވާ އެއްބަސްވުމަށް."
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމެވުމާ ގުޅިގެން އެ އިދާރާއިން ވަނީ، ފިލިތެޔޮ އައިލެންޑް ރިސޯޓާއި، މެދުފުށި އައިލެންޑް ރިސޯޓާއި ޖޭ ރިސޯޓް އަލިދޫއާއި ކުޑަރަށް އައިލެންޑް ރިސޯޓާ ދެކޮޅަށް ސިވިލްކޯޓުގައި ކޮށްފައިވާ ދައުވާ އަނބުރައި ގެނެސްފަ އެވެ. އަދި އޭގެ އިތުރުން ގިރާވަރު ޓޫރިސްޓް ރިސޯޓް ރިސޯޓާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރިދައުވާ މީރާއާ ދެކޮޅަށް ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ ވެސް އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ.
މީރާ އިން އިތުރަށް ބުނީ، މި ފަސް ދައުވާ އަނބުރާ ގެންނަން ނިންމިކަމުގައިވީ ނަމަވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގައި އެ އިދާރާއަށް ލިބިގެންވާ ބާރުތަކުގެ ބޭނުން އެކިފަރާތްތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި ފިޔަވަޅުއަޅަމުން ގެންދާނޭ ކަމަށެވެ.