20 Nov 2013, 12:00
ތ.ދިޔަމިގިލި އޮފީސް ބަންދުކުރި މައްސަލައާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ 2008 މާޗް 12 ވަނަ ދުވަހުގެ 11:15 ހާއިރު ގާނޫނާއި ގަވާއިދާ ހިލާފަށް ދިޔަމިގިލި އޮފީސް ބަންދުކުރުމުގައި ބައިވެރިވި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި ހަތް މީހުންނަކީ ދިޔަމިގިލި ތަނޑިރަތްމާގެ، ޒަކަރިއްޔާ ހުސައިން 62، އާއި ހަމައެރަށު ބީޗްހައުސް، އަހުމަދު އާމިރު 35، އާއި މއ. މިހުރާބު އަހުމަދު ރަޝީދު މުޙައްމަދު 47، އާއި ދިޔަމިގިލި ނޫރާނީގެ، މުހައްމަދު އަހުމަދު 51، އާއި އެރަށު މިޒްނާމަންޒިލް، އަބްދުލްމަޖީދު މުޙައްމަދު 53، ގެ އިތުރުން ދިޔަމިގިލި އެންދެރިމާގެ، މުހައްމަދު ޝިޔާޒް 34 އާއި އެރަށު ދޭލިޔާގެ، އިސްމާޢީލްދީދީ 50، ގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.