މަމަދޫ ސާކޯއާއި ކަރިމް ބެންޒެމާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްގެ ދެވަނަ ލެގުގައި ޔޫކްރެއިން 3-0 (3-2 އެގްރިގޭޓް) އިން ބަލިކޮށް އަންނަ އަހަރުގެ ވޯލްޑްކަޕުން ފްރާންސް ޖާގައެއް ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި 2-0 އިން ޔޫކްރެއިން އަތުން ބަލިވަފައިވާ ފްރާންސަށް ރޭގެ މެޗުގެ 22 ވަނަ މިނިޓްގައި ކުރިހޯދައިދިނީ، ސާކޯއެވެ.

ދެވަނަ ހާފްގެ ދެވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 2-2އިން ހަމަހަމަކޮށްދިނީ، ބެންޒެމާ އެވެ. 47 ވަނަ މިނިޓްގައި ފްރޭންކް ރިބެރީއަށް ފައުލްކުރުމާ ގުޅިގެން ދެވަނަ ރީނދޫކާޑަކާއެކު ޔޫކްރެއިންގެ ޔޫހަން ކަޝެރެދީއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފަ އެވެ. އެހެންކަމުން މެޗުގެ ބާކީ ބައި ޔޫކްރެއިންއިން ކުޅެފައިވަނީ ދިހަ ކުޅުންތެރިންނާ އެކުއެވެ.

ފްރާންސްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެތިއު ޑިބަޝީ ތަނަވަސްކޮށްދިން ފުރުސަތަކުން ސާކޯއެވެ.
ޔޫކްރެއިން މައްޗަށް ހޯދީ ކާމިޔާބާއެކު ފްރާންސް ވެގެން ގޮސްފައިވަނީ ފުރަތަމަ ލެގުގައި ދެ ލަނޑުގެ ތަފާތެއްގައި އޮވެ، ދެވަނަ ލެގުން މެޗުގެ ނަތީޖާ އަނބުރާލައި، ވޯލްޑްކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ޓީމަށެވެ.

ޕްލޭއޮފްގައި ކުޅެންޖެހުމަކީ ޔޫކްރެއިންއަށް އަބަދުވެސް ބޮޑު މައްސަލައަކަށްވާއިރު އެޓީމު ވަނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ޕްލޭއޮފްގައި ކްރޮއޭޝިޔާއަތުން، 2002 ވަނަ އަހަރު ޖަރުމަނު އަތުން، 2010 ވަނަ އަހަރު ގްރީސް އަދި މިފަހަރު ފްރާންސް އަތުން ބަލިވެފަ އެވެ.