ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކަކާ ގުޅިގެން ހަތަރު މީހަކު ހޯދަން ފޮޓޯއާއި މައުލޫމާތު އާންމުކޮށްފި އެވެ.

ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފައިވާ ހަތަރު މީހުންނަކީ ސ. ހުޅުދޫ، ޖުވެލަރީ، ހަސަން ފަރުދީން، 31، އާއި ރ. ކަނދޮޅުދޫ، ބާޑްވިލާ، އަބުދުﷲ އަހުމަދު ވަސީމް، 25، އާއި ޅ. ނައިފަރު، ބިލްޑިންވިލާ، ޔާމީން މުހައްމަދު،24،ގެ އިތުރުން ހދ. ނޭކުރެންދޫ، ކެނެރީވިލާ، މުހައްމަދު ރިޝީފް23، އެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ހަސަން ފަރުދީން އާއި ޔާމީން މުހައްމަދު ހޯދަމުން އަންނަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުނުކުރެވިފައިވާތީ އެވެ. އަދި އަބުދުﷲ އަހުމަދު ވަސީމަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެގެން ހޯދަމުން އަންނަ މީހެކެވެ.

އަދި މުހައްމަދު ރިޝީފް އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުނުކުރެވިފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.