20 Nov 2013, 11:37
ސައުދީ އަރަބިއްޔާގައި ނުގަވައިދުން އުޅެމުން ދިޔަ 60،000 އަށް ވުރެ ގިނަ މީހުން އެގައުމުން ޑީޕޯޓްކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު ޕްރިންސް މުހައްމަދު ބިން ނާއިފް ވިދާޅުވި ކަމަށް ސައުދީ ގެޒެޓް ނޫހުން ބުނީ މިމަހުގެ ހަތަރު ވަނަ ދުވަހު ފެށި "ސެކިއުރިޓީ ކެމްޕެއިން"ގެ ދަށުން މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
ޕްރިންސް ނާއިފާ ހަވާލާދީ އެނޫހުން ބުނީ ޑިޓެންޝަން ސެންޓަރުތަކުގައި ތިބި އިތުރު މީހުން ޑީޕޯޓްކުރުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށެވެ.
"ރަސްކަމުގެ (ސައުދީ އަރަބިއްޔާގެ) އެކި ސަރަހައްދުތަކުގައިވާ ޑިޓެންޝަން ސެންޓަރު ތަކުގައި ތިބި މީހުން ޑީޕޯޓްކުރުމުގެ ކަންތައްތައް ދަނީ ކުރިއަށް،" ޕްރިންސް ނާއިފު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ޕްރިންސް ނާއިފު މިކަން ހާމަކުރެއްވީ ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ކަންތައްތައް ހަމައަކަށް އެޅުމަށް މަސައްކަތްކުރަމުންދާ ސެކިއުރިޓީ އެޖެންސީތަކުގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ބައްދަލުވުމުގައި އޭނާ އެދި ވަޑައިގެންނެވި އެވެ.
ބިދޭސީ މަސައްކަތް ތެރިންގެ މައްސަލަ ސައުދީ އަބިއްޔާގެ އިތުރުން މެދުއިރުމަތީގެ އެހެން ގިނަ ގައުމުތަކުގައި ވަނީ ވަރަށް ބޮޑުވެފަ އެވެ.