ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ސްވިޑްން އަތުން 3-2އިން މޮޅުވެ ޕޯޗްގަލް އަންނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ އެވެ.

ވޯލްޑް ކަޕް ޔުއެފާ ކޮލިފިކޭޝަން ޕްލޭއޮފްގެ ފުރަތަމަ ލެގްގައި 1-0 އިން އަމިއްލަ ރަށުގައި ސްވިޑްން އަތުން މޮޅުވެފައިވާ ޕޯޗްގަލްއަށް ރޭ ސްވިޑްންގައި ކުޅުނު ފޯރިގަދަ މެޗުގައި ރޮނާލްޑޯ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 50 ވަނަ މިނިޓުގަ އެވެ.

އެގްރިގޭޓް ނަތީޖާ (2-0) އިން ޕޯޗްގަލް ކުރީގައި އޮތް ނަމަވެސް ސްވިޑްންގެ މަޝްހޫރު ފޯވާޑް ޒްލަތަން އިބްރަހިމޮވިޗް ވަނީ 68 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށް އަދި އޭގެ ހަތަރު މިނިޓްފަހުން ލަނޑެއް ކާމިޔާބުކޮށް ސްވިޑްންއަށް އުންމީދު އާކޮށްދީފަ އެވެ.

ސްވިޑްންގެ ވޯލްޑްކަޕް އުންމީދު ފަނޑުވެގެން ދިޔައީ މެޗުގެ 77 ވަނަ މިނިޓްގައި ރޮނާލްޑޯ އިތުރު ލަނޑެއް ކާމިޔާބުކުރި ހިސާބުންނެވެ. އަދި ދެ މިނިޓް ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް ރޮނާލްޑޯ އެ މެޗުގައި ހެޓްރިކެއް ހަދައި، ޕޯޗްގަލްއަށް ޖެހިޖެހިގެން ހަތަރުވަނަ ވޯލްޑްކަޕް ކަށަވަރުކޮށްދިނެވެ.

ރޮނާލްޑޯ ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު މިސީޒަންގައި އޭނާ ރެއާލް މެޑްރިޑާއި ޕޯޗްގަލްއަށް ކުޅުނު ޖުމުލަ 20 މެޗުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 28އަށް އަރާފަ އެވެ. އަދި ރޭގެ ހެޓްރިކާއެކު ރޮނާލްޑޯގެ ލަނޑުގެ ރެކޯޑް، ޕޯޗްގަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕައުލޭޓާގެ 47 ލަނޑުގެ ރެކޯޑާވެސް ވަނީ އެއްވަރުވެފަ އެވެ.

ވޯލްޑްކަޕުން ޖާގައެއް ނުލިބި ސްވިޑްން މިފަހަރު ނިންމާލިއިރު އެޓީމުގެ އުމުރުން 32 އަހަރުގެ ކެޕްޓަން އިބްރަހިމޮވިޗަށް ވޯލްޑްކަޕް ކުޅެލަން ދެން އިތުރު ފުރުސަތެއް ލިބޭނޭ ކަމަކަށް ނުބެލެވެ އެވެ. އަދި 2002 ވަނަ އަހަރާއި 2006 ވަނަ އަހަރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑްކަޕް މެޗެއް ކުޅެން ފުރުސަތު ލިބުނުއިރު އޭނާއަށް ވޯލްޑްކަޕްގައި ލަނޑެއް ކާމިޔާބުކުރެވިފަ އެއް ނުވެއެވެ. އެކަން ވެގެންދާނީ ޕީއެސްޖީގެ ހުނަރުވެރި ފޯވަޑަށް ލިބިގެންދާ އެންމެ ބޮޑު އެއް ނާކާމިޔާބަށެވެ.

މެޗަށްފަހު ޕޯޗްގީޒް ކެޕްޓަން ރޮނާލްޑޯ ބުނީ އޭނާއަކީ އަބަދުވެސް އޭނާގެ ގައުމަށް މުހިއްމު ކަމެއް ޖެހޭ ހާލަތުގައި އެކަމުގައި ހުންނާނެ މީހެއް ކަމަށެވެ.

"އަހަންނަށް އެނގޭ މިކަހަލަ މެޗުތަކުގައި އަހަރެންގެ ބޭނުން ޕޯޗްގަލްއަށް ޖެހޭނޭ ކަން، އަދި އަހަރެންވާނީ އެކަން މި މެޗުގައި ހާމަކޮށްދީފައި، އަދި އާދައިގެމަތިން މެޗުގެ ފަހުވަގުތުގައި އަހަރެންގެ މަސައްކަތް ނިންމާފައި ވާނީ،" ރޮނާލްޑޯ ބުންޏެވެ.

ސްވިޑްންގެ ކެޕްޓަން އިބްރަހިމޮވިޗް ބުނީ އޭނާއާ ނުލައި ވޯލްޑްކަޕް ކުޅުން އެއީ ދެކެން ބޭނުންވާ ކަމެއް ނޫންނަމަވެސް ޕޯޗްގަލް ވޯލްޑްކަޕަށް ކޮލިފައިވުމުން އެޓީމަށް މަރުހަބާކިޔާ ކަމަށެވެ.