20 Nov 2013, 10:25
އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް އެދި ހުށަހަޅާފައިވާ ތިން ބޭފުޅެއްގެ ނަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ފަސް މެންބަރުންގެ ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަން ކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައި މިވަނީ ކުރިން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އޮގަރު އިބްރާހީމް ވަހީދު ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ ތިން ބޭފުޅުންނަކީ ގ. ފިނިވިލު މުހައްމަދު ތޮލާލާއި ހ. ނީޓް އިސްމާއީލް ހަބީބް އަބްދުއްރަހީމާއި އަދި ހ. ހަބަރުގެ މުހައްމަދު ރިޝްވާން އެވެ.
ރައީސް ޔާމީން ފޮނުއްވި ތިން ބޭފުންގެ ނަން ދިރާސާ ކުރުމަށް ޓަކައި މިއަދު ވަނީ އެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމެޓީ އަށް ފޮނުވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބަވާ ހަތަރު މެންބަރުންނަކީ މުހައްމަދު ފާރޫގް އާއި އަލީ މުހައްމަދު މަނިކު އާއި ކޮމިޝަންގެ ނައިބް ރައީސް އަހްމަދު ފަޔާޒު ހަސަން އަދި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.