20 Nov 2013, 09:45
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ މައްޗަށް އެމްޑީޕީ އިން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު އަނބުރާ ގެންގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އެ މައްސަލަ އެމްޑީޕީ އިން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ގެންދެވި ސަބަބެއް ޝާހިދު ވިދާޅެއް ނުވެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި ވަނީ އެމްޑީޕީންނާއި ޑީއާރުޕީގައި ހިމެނިވަޑައިގަންނަވާ 35 މެންބަރުން ސޮއި ކުރައްވައިގެންނެވެ. އެ ފަރާތުން ބުނެފައި ވަނީ ނާޒިމް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވައިގެން ވަކި ފަރާތަކަށް ބުރަވެ މަސައްކަތް ކުރައްވަމުން ގެންދަވާތީ އާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.