20 Nov 2013, 09:28
އިސްލާމް އާބާދު (ނޮވެމްބަރު 20): ޕާކިސްތާނުގެ ކުރީގެ ރައީސް އަދި ސިފައިން ޗީފް އޮފް ސްޓާފް ޖެނެރަލް ޕަރްވޭޒް މުޝައްރަފް އިސްކޮށް ހުންނަވައިގެން 1999 ވަނަ އަހަރު ޢަސްކަރީ އިންގިލާބެއް ގެންނަވައި އޭރުގެ ދިމުގްރާތީ ސަރުކާރު ވައްޓާލި މައްސަލާގައި އޭނާގެ މައްޗަށް މިހާރުގެ ސަރުކާރުން އުފުލި ބަޣާވާތް ކުރުމުގެ ދައުވާ އެގައުމުގެ ސުޕްރީމްކޯޓުން އިއްޔެ ބަލައިގެންފި އެވެ.
މުޝައްރަފްގެ މައްޗަށް ޝަރީއަތް ހިންގުމަށް ޚާއްސަ ޓްރައިބިއުނަލެއް (ޚާއްސަ ކޯޓެއް) އުފެއްދުމަށް ޕާކިސްތާނުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން އިއްޔެ ވަނީ އެކަމަށް ހުއްދަ ދީފަ އެވެ. މިހުއްދައާ އެކު ޕާކިސްތާނުގެ ސުރީމް ކޯޓުން ވަނީ ޓްރައިބިއުނަލްގައި ހިމަނަން ބޭނުންވާ ފަނޑިޔާރުންގެ ނަންތައް ފޮނުވައިދިނުމަށް ފުރުޞަތު ސަރަހައްދީ ހައި ކޯޓުތަކުން ހުޅުވާލާފަ އެވެ. ސަރަހައްދީ ހައި ކޯޓުތަކުން މިނަންތައް ފޮނުވުމުން އޭގެތެރެއިން ތިން ފަނޑިޔާރުންގެބެންޗެއް އެކުލަވާލައި އެބެންޗުން މުޝައްރަފްގެ ޝަރީއަތް ހިންގުމަށްޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ނިންމަވާފައިވާ ކަމަށާއި އެތިން ފަނޑިޔާރުން ހޮއްވަވާނީ އުއްތަމަ ފަނޑިޔާރުކަމަށް ޚަބަރު ލިބެ އެވެ.
ޕާކިސްތާނުގެ ސިފައިން ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައި ޖެނެރަލް ޕަރްވޭޒް މުޝައްރަފް ހުންނަވައިގެން 1999 ވަނަ އަހަރުގެ ފަހުކޮޅުގައި ވަނީ ޢަސްކަރީ އިންގިލާބެއް ގެންނަވައި އޭރުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލައްވައި ނަވާޒް ޝަރީފު ހައްޔަރުކޮށް ދިގު މުއްދަތަކަށް ޖަލަށްލާފަ އެވެ. އެއަށް ފަހު ނަވާޒް ޝަރީފު މިނިވަންވެ މިއަހަރުގެ މެދެއްހާ ހިސާބު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ ނަވާޒް ޝަރީފް އަލުން ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ ވަނީ ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލިކަމުގެ ދައުވާ މުޝައްރަފްގެ މައްޗަށް ކުރަން ގަސްދުކުރައްވާކަން ހާމަކުރައްވާފަ އެވެ. ޕާކިސްތާނުގައި މިދަޢުވާ ސިފަކުރެވެނީ ގައުމަށް ޚިޔާނާތްތެރިވުމުގެ ދަޢްވާގެ ގޮތުގަ އެވެ. މިދައުވާގެ ކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށް ލުމުގެ ހުކުމެއް މުޝައްރަފްގެ މައްޗަށް އަންނާ ނެއެވެ. (ނޫސްއެޖެންސީތައް)