20 Nov 2013, 09:19
ބައިރޫތު (ނޮވެމްބަރު 20): ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނު ފަޅީގެ ބިއުރު ޙަސަން އަވަށުގައި ހުންނަ އީރާނުގެ އެންބަސީގެ ކުރިމަތީގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ދެ ޙާދިސާގައި 24 މީހުން މަރުވެފައިވާއިރު ދުނިޔޭގެ ގައުމުތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
މި ދެ ހާދިސާ ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި އީރާނާއި ސޫރިޔާގެ އިތުރުން އެމެރިކާއާއި ފަރަންސޭސިވިލާތާއި ރަޝިޔާއާއި އަދި ބައެއް ޢަރަބި ގައުމުތައް ވެސް ހިމެނެ އެވެ. ބޮންގޮއްވުމުގެ އެ ދެ ހާދިސާގެ އަމާޒަކީ ވެސް އެއަވަށުގައި ހުންނަ އީރާނުގެ އެންބަސީ ކަމަށް ވަނީ ބެލެވިފަ އެވެ. މިދެ ޙާދިސާގައި 24 މީހުން މަރުވެ 150 އަށްވުރެ ގިނަމީހުން ޒަޚަމްވެ އެތަށް ޢިމާރާތެއް ހަލާކުވެގެންދިޔަ އެވެ. އީރާނުން ވަނީ މިދެބޮން ގޮއްވާލުމުގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ތުހުމަތު ކޮށްފަ އެވެ.
މި ދެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އީރާން އެންބަސީގެ ސަގާފީ ކަންތައްތަކާ ބެހޭ މުސްތަޝާރު އިބްރާހީމް އަންސާރީ ހިމެނިވަޑައިގަންނަވަ އެވެ. އަދި އީރާން އެންބސީގެ ބައެއް މުވައްޒަފުން މި ދެ ޙަމަލާގައި ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު މުހައްމަދު ނަޖީބު މީގާތީ ނެރުއްވި ބަޔާނެއްގައި، މިދެ ބޮން ގޮއްވާލާފައިވަނީ ބައެއްގެ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ލުބްނާން ހަލާކުގެ ތެރެއަށް ވައްޓާލުމުގެ މަގްސަދްގައި ކަމަށް ވިދާޅުވެފައިވެ އެވެ. ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ސަޢްދުލްޙަރީރީ ވެސް ވަނީ މިހަމަލާތައް ކުށްވެރިކުރައްވައި މިއީ ލުބްނާނުގެ ހަމަޖެހުން ނަގާލުމަށް ހިންގި ޓެރަރިސްޓް ޢަމަލެއް ކަމަށް ސިފަކޮށް ބަޔާނެއް ނެރުއްވާފަ އެވެ.
ފަރަންސޭސި ސަރުކާރުން ނެރުނު ބަޔާނުގައި މިއީ ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް ސިފަކޮށް ލުބްނާނަށް ހަމްދަރުދީވާކަން ހާމަކޮށްފައިވެ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިއީ ލުބްނާނުގެ އިތުރުން އީރާނަށް ވެސް އަމާޒުކޮށް ދިން ޙަމަލާތަކެއް ކަމަށާއި މިދެ ޙަމަލާ ކުށްވެރިކޮށް އެދެގައުމުގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކުރައްވާ ކަމަށެވެ. ޢަރަބި ލީގާއި ގަތަރާއި ސޫރިޔާ އިން ވެސް ވަނީ މިދެހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ.
ބައިރޫތުގައި ހުންނަ އީރާން އެންބަސީގެ ކުރިމަތީގައި ދެބޮން ގޮއްވާލުމުގެ ޒިންމާ އުފުލާފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ އަލްގާޢިދާއާ ގުޅުންއޮންނަ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޢަބްދުﷲ އައްޒާމް ބްރިގޭޑުންނެވެ. އެޖަމާއަތުން ވަނީ މިއީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ސޫރިޔާ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަ ކުރަމުން ގެންދާތީ އެމީހުން ސޫރިޔާ އިން ބޭލުމަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ދިން ބަދަލު ހިފުމުގެ ޙަމަލާ ތަކެއްކަމަށް ސިފަކޮށްފަ އެވެ.
ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ދިފާޢުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އީރާނެވެ. އެހެންކަމުން ލުބްނާނުގައިވާ އީރާނުގެ މަސްލަހަތުތަކާއި އިޒްބުﷲގެ އަމާޒުތަކަށް ޓެރަރިސްޓް ޙަމަލާތައްދޭނެ ކަމުގެ އިންޒާރު ސޫރިޔާގެ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކުން ކުރިން ދީފައިވެ އެވެ. (އަލްޖަޒީރާ)