19 Nov 2013, 23:26
ކެންޕޭންގައި ވައުދުވެވަޑައިގަތް ގޮތަށް ޒުވާނުންގެ ވުޒާރާއަށް 300 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ މައްޗަންގޮޅީ ޕީޓްރަލް ޕާކް ކުރިމަތީގައި ޕީޕީއެމުން މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އިއްޔެ އަޅުގަނޑު ދަންނަވައިފިން އަޅުގަނޑު ބޭނުންވޭ ޒުވާނުންގެ ވުޒާރާއަށް ޒުވާނުންގެ ވަޒީރާ 300 މިލިއަން އަޅުގަނޑު ދަންނަވަމުން އަންނަ ގޮތަށް މިއަހަރު ބަޖެޓް ވެސް ހަވާލުކޮށްދެއްވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވައުދުއްތައް ފުއްދުމައްޓަކައި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު ސަރުކާރުން މިހާރު އަންނަނީ އަޅަމުން ކަމަށެވެ. އަދި ވިދާޅުވީ ވައުދުތައް ފުއްދުމައްޓަކައި އެކަށީގެންވާ ވަގުތު ބޭނުންފުޅުވާ ކަމަށެވެ.
މި ސަރުކާރާ ބެހޭ ގޮތުން އެކި ފަރާތްތަކުން ކޮންމެފަދަ ވާހަކަތަކެއް ދެއްކެވި ކަމުގައިވިޔަސް މުހިންމު ގައުމުތަކުގެ ސަރުކާރުތަކުން ދިވެހި ސަރުކާރަށް މަރުހަބާ ކިޔަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަވައްޓެރި ގައުމުތަކާ ގުޅުން އިތުރަށް ބަދަހި ކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ކުރިއަށްދާނީ ރާއްޖެއާ ރައްޓެހި އަރަބި އިސްލާމީ ގައުމުތަކާ އެކީ ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ގެންގުޅުއްވި ގުޅުންތައް އިތުރަށް ހަރުދަނާ ކޮށްގެން ކަމަށެވެ.
"ޚާރިޖީ ސިޔާސަތު ގެންދާނީ އަޅުގަނޑުމެންނާ އަވަށްޓެރި ގައުމުތަކާ ގުޅުން އިތުރު ކުރަމުން. އަދި އަޅުގަނޑުމެންނާ ރަހުމަތްތެރި އަރަބި އިސްލާމީ ގައުމުތަކަށް އިސްކަންދީގެން. އެ ގައުމުތަކާ އެކީ އަޅުގަނޑުމެން ކުރިއަށް ގެންދަނީ ރައީސް މައުމޫންގެ ރަން 30 އަހަރުގައި އޮތް ވަރުގަދަ ދޭދޭ ގައުމުތަކުގެ ތެރޭގައި އޮތް ގުޅުމަށް އިސްކަން ދީގެން އެގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ދަންނަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ބަޖެޓަކީ އަލުން ބަލުން ލިޔެވޭ ބަޖެޓަކަށް ވާންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެނެވި ގޮތަށް ނަންގަވާނީ މުސާރައިގެ ދެބައި ކުޅަ އެއްބައި ކަމަށާއި މުސާރަ ދެއްވާއިރު މުސާރައިގެ ދެބައިކުޅަ އެއްބައި ދެއްވުމަށް ރައީސް އޮފީހުގެ ފައިނޭންސް ޑިޕާޓްމަންޓަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.