05 Dec 2010, 10:44
ކްރިމިނަލް ކޯޓުގެ ގާޒީންނާ އެކު ބައެއް ފަރާތްތަކުން އެކަހެރިކޮށް ބައްދަލުވުންތައް ބާއްވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާތީ އެފަދަ ބައްދަލުވުންތައް ނުބޭއްވުމަށް އެ ކޯޓުން ހުރިހާ ފަރާތްތަކަށް އަންގައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، ކޯޓު ތެރޭގެ އާއި އަދި އެހެނިހެން ތަންތަނުގައި ވެސް ގާޒީންނާ އެކަހެރިކޮށް ބައްދަލުވުންތައް ބޭއްވުމަކީ މަނާ ކަމެއް ކަމަށާއި އަދި އެގޮތަށް އަމަލު ނުކުރުމަށް މީގެ ކުރިން ވެސް ގާޒީންނާއި އެހެނިހެން ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް، ފަހަކަށް އައިސް އެފަދަ ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމުގެ ރިޕޯޓުތައް އަނެއްކާވެސް ލިބެމުންދާތީ އެގޮތަށް އަމަލު ނުކުރުމަށް އަންގައި މިދިޔަ މަހު ފަހުކޮޅު އިއުލާނެއް ނެރެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން ވެސް އަޅުގަނޑުމެން އަތުގައި އޮންނަ އިއުލާނެއް އެއީ. އެކަމަކު މި ފަހަކަށް އައިސް އެކި ފަރާތްތަކުން ގާޒީންނާ އެކަހެރިކޮށް ބައްދަލުކުރާކަން އަޅުގަނޑުމެންނަށް ފާހަގަވާތީ އެ އިއުލާން އަލުން ނެރުނީ،" އަބްދުﷲ ވިދާޅުވި އެވެ.
ނޮވެމްބަރު، 23 2010 ގައި ނެރެފައިވާ އިއުލާނުގައި ބުނަނީ، " މިފަހަކަށް އައިސް އެކިއެކި ފަރާތްތަކުން ހާޒިރުވެ ކޯޓުގެ ގާޒީންނާއި އެކަހެރިކޮށް ބައްދަލުވުންތައް ބާއްވަމުންގެންދާ ކަން ފާހަގަ ކުރެވިފައިވާތީ އެއްވެސް ފަރާތްތަކުން ކޯޓުގެ ގާޒީންނާއި ބައްދަލުކުރުމަށް ކޯޓަށް ވަޑައިނުގަތުމަށާއި މައްސަލަ އަކާއި ގުޅިގެން ނުވަތަ މިނޫން ކަމެއް ވެސް ސާފު ކުރަން ބޭނުންވާ ނަމަ ކޯޓުގެ އިދާރީ ސެކްޝަނާ ގުޅައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ،" ކަމަށެވެ.
އަބްދުﷲ މިއަދު ވިދާޅުވީ، އެކަހެރި ބައްދަލުވުންތަކަށް ފުރުސަތު ނުދިނުމަށް ހުރިހާ ސެކްޝަންތަކުގެ ވެރިންނަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.