19 Nov 2013, 20:45
ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޙުސައިން ވަޙީދު، މިއަދު ޢައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އޭނާއަށް އެ މަގާމު ދެއްވީ، ޕޮލިސް ކޮމިޝަނާގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.
އެފްބީއައި ގްރެޖުއޭޓް، ވަހީދަކީ ދުނިޔޭގެ އެކިއެކު ގައުމުތަކުން ފުލުހުންނާ ގުޅުން ހުރި ދާއިރާތަކުން ގިނަ ތަމްރީންތަކެއް ހައްދަވާފައިބާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސްކޮޓިސް ޕޮލިސް ކޮލެޖުން ޕޮލިސް ލީޑާޝިޕްގެ ދާއިރާއިން މަތީ ތައުލީމް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ކުރިން އިސްތިއުފާ ދެއްވެވި ކަމަށް އަޑުތައް ފެތުރުނު ވަޙީދަކީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހުސައިން ވަހީދު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގަ އެވެ.