ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ މާޗް 22ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގަ އެވެ. މިހާރު ތިއްބެވި މަޖިލީހުގެ މެމްބަރުންގެ އިންތިހާބީ ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި 28 ގަ އެވެ. މި ހިނގާ 17 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލާފައި ވަނީ 28 މެއި 2009ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައި ވަނީ މަޖިލީހުން ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އައްޔަން ކުރުމަށް ބައި އިލެކްޝަން ބުބޭއްވުމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އާ އިންތިހާމެދު ހަ މަސް ދުވަހަށް ވުރެ ކުޑަ މުއްދަތަކަށްވެފައިވާތީ އެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެ ނަމަ ހުސްވާ ގޮނޑިއަށް 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހެ އެވެ. ނަމަވެސް މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެ އަށްވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެ އެވެ.