ޕަވާ ހޯސް ނޭޝަނަލް ވޮލީބޯލް ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެމެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ޔޫތު ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިންސެޓުންނެވެ. ދެ ވަނަ ބުރުގައި ޕޮލިސް ކުލަބުން އިއްޔެ ކުޅުނު ފުރަތަމަ މެޗުން ވެސް އެޓީމް ވަނީ މޮޅުވެފަ އެވެ. ކްލަބް ޕީކޭ އާ ވާދަކޮށް ޕޮލިސް ކްލަބް އިއްޔެ މޮޅުވީ 3-1 ސެޓުން ނެވެ.

މިއަދު ކުޅުނު މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-17، 25-13 އަދި 25-22 އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބަށް ގެނައި އިންޑިޔާގެ ގައުމީ ޓީމަށްކުޅޭ ހުނަރުވެރި ކުޅުންތެރިއެއްކަމަށްވާ ޕްރަބާގަރަން އެވެ.

މުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ކުލަބް ޕީކޭ އާއި ސިފައިންނެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ބުނީ، ގައުމީ ލީގަށް ފަހު، ގައުމީ ވޮލީބޯޅަ މުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ހަތަރު ޓީމް ވާދަކުރާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނައިފަރު ޖުވެނައިލް އާއި ދިވެހި ސިފައިންގެ ކްލަބް ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުން ވެސް ވަނީ ބިދޭސީ ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ޕޮލިސް ކުލަބަށް ގެނެސްފައި ވަނީ ސްރީލަންކާގެ ކުޅުންތެރިއެއް ކަމަށްވާ ވަސަނަ މަދުމަލީ އެވެ. އަދި ނައިފަރު ޖުވެނައިލްއަށް ގެނެސްފައި ވަނީ ވެސް ލަންކާގެ ކުޅުންތެރިއެކެވެ. ސިފައިންގެ ކްލަބަށް ގެނެސްފައި ވަނީ ތައިލޭންޑްގެ ކުޅުންތެރިއެކެވެ. ވެލޯޒިއާ އަށް ގެނެސްފައި ވަނީ ފިންލެންޑްގެ ކުޅުންތެރިއެކެވެ.