ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތަށް "ފިއްލެވުމަށް" މަޖިލީހުގައި ހަތަރު ހަފްތާއެއްހާ ދުވަހު ހުންނެވުމަށްފަހު މިއަދު ހަވީރު މަޖިލީހުން ނުކުމެވަޑައިގެންފި އެވެ.

ބައެއް މީޑީއާތަކަށް ހާމިދު ވިދާޅުވެފައި ވަނީ މަޖިލީހުގެ އިދާރާއިން ނުކުމެވަޑައިގަތީ ސަރުކާރާއި އެމްޑީޕީއާ އޮންނަ ގުޅުމުގެ ސަބަބުން ގޭގައި ހުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. ހާމިދު ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައި ވަނިކޮށް، މަޖިލީހުގެ އިދާރާއަށް ހާމިދު ވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.

ހާމިދު މިއަދު މަޖިލީހުން ނުކުމެވަޑައިގެންފައި ވަނީ އޭނާ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ވަނިކޮށެވެ. ކޯޓުގެ އަމުރަށް ތަބާނުވުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނުކުމެވަޑައިނުގެން، ކޯޓުގެ އެންގުމާ އެއްގޮތަށް ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ހާމިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ މައްސަލައިގެ ޝަރީއަތް އޭނާގެ ޣައިރު ހާޒިރުގައި ހިންގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ހާމިދުގެ މައްޗަށް ޖިނާއީ ހުކުމެއް އައިސްފައިވިޔަސް، އޭނާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ އެވެ. އެމްޑީޕީގެ މެމްބަރުން ހުށަޅަގައި މަޖިލީހުގެ ގަވާއިދަށް މިދިޔަ މަހު ގެނެސްފައިވާ އިސްލާހެއްގައި ބުނަނީ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭވަރުގެ ޖީނާއީ ހުކުމެއް މެންބަރެއްގެ މައްޗަށް އަޔަސް، މަޖިލީހަށް ހާޒިރުވެވޭނެ ކަމަށެވެ.