ގައުމީ ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ފޯވާޑް އަދި ބަލްގޭރިއާގެ ވޯލްޑްކަޕް ތަރި ހިސްޓޯ ސްޓޮއިކޯފް އާއި ކްލަބް ވެލެންސިޔާގެ ކުރީގެ ކޯޗް ޑޭވިޑް ބޫތު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދާފައިވާ އުމުރުން 47 އަހަރުގެ ސްޓޮއިކޯފް އަކީ ބަލްގޭރިއާގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި 2004 ން 2007 އަށް ކޮށްދީފައިވާ އެ ގައުމުގެ ކުރީގެ ކުޅުންތެރިއެކެވެ.

ސްޓޮއިކޯފް ގެ އިތުރުން ގައުމީ ޓީމުގެ ކޯޗު ކަމަށް ޝައުގުވެރިކަން ފާޅުކޮށް 25 ކޯޗުން ސީވީ ފޮނުވާފައިވާކަމަށް އެފްއޭއެމްގެ ޑައިރެކްޓަރ އޮފް ނޭޝަނަލް ޓީމް އަލީ ސުޒެއިން ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ޝޯޓްލިސްޓްކުރި ހަތަރު ކޯޗުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ދެ ކޯޗުންނާއި ސްލޮވީނިއާގެ ކޯޗަކު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްއިން ޝޯޓްލިސްޓް ކޮށްފައިވާ ހަތަރު ކޯޗުންގެ ތެރެއިން ދެ ކޯޗެއްގެ ނަން ހާމަކޮށްފައިވާއިރު ސްޓޮއިކޯފްގެ އިތުރުން ހިމެނޭ އަނެއް ކޯޗަކީ ކްލަން ވެލެންސިޔާއަށް 2007ގައި ކޯޗްކަން ކޮށްދިން އިނގިރޭސި ކޯޗެއް ކަމަށްވާ ޑޭވިޑް ބޫތު އެވެ.

އެފްއޭއެމްގެ ރައީސް އިލްހާމް އަޙްމަދު އިއްޔެ ވިދާޅުވީ، ގައުމީ ޓީމަށް ކޯޗަކު ހޯދަން މަސައްކަތް ކުރަމުން ގެންދާއިރު ވީހާވެސް ރަނގަޅު ކޯޗަކު ލިބޭތޯ އެ އިދާރާއިން މަސައްކަތް ކުރަމުންދާ ކަމަށާއި އެގެން ނަމަވެސް ތަނުގެ މާލީ ހާލަތު ހުރިގޮތުން ކޯޗަކަށް 20 ހާސް ޑޮލަރު ދީފައި ގެނެވޭފަދަ ތަނަވަސް ކަމެއް މިވަގުތު އެފްއޭއެމްގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ވީ އެންމެ އަވަހަކަށް ރަނގަޅު ކޯޗެއް ހަމަޖެއްސޭތޯ. އެކަމަކު 20،000 ޑޮލަރު ދީފައި ކޯޗަކު ގެންނަހައި ތަނަވަސް ކަމެއް ނެތް މިވަގުތު އެފްއޭއެމްގައި،" އިލްހާމް ވިދާޅުވި އެވެ.

ތެރެއިން ޝޯޓްލިސްޓް ކޮށްފައިވާ ހަތަރުކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކަމަށްވެލެންސިއާގެ ކުރީގެ ކޯޗުގެ މަގާމުގައި ހުރި ޑޭވިޑް ބޫތްވެސް ވަނީ ޝޯޓު ލިސްޓު ކޮށްފަ އެވެ. އަދި އޭނާ ވަނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ކުރުމަށް ޝައުގުވެރިކަންވެސް ފާޅުކޮށްފަ އެވެ.

ގައުމީ ޓީމުގެ މެނޭޖަރުކަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާ ހަވާލުކުރިކަން އިއުލާނުކުރުމަށް އިއްޔެ ނަސަންދުރަ ޕެލަސް ހޮޓެލްގައި އެފްއޭއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައި ސުޒޭން ދެކޯޗެއްގެ ނަން ހާމަކޮށްފައިވާއިރު ފިލިޕީންސް ގައުމީ ޓީމްގެ ކުރީގެ އިނގިރޭސި ކޯޗް ސައިމަން މެކްމެނަމީ ވެސް ވަނީ އޭނާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރަށް ހުރިކަމަށް ސަން އަށް ބުނެފަ އެވެ. އެހެން ނަމަވެސް ސައިމަންގެ ނަން ސުޒޭން އިއްޔެ ވިދާޅެއް ނުވެ އެވެ.

އިލްހާމް އިތުރަށް ވިދާޅުވީ އެފްއޭއެމްގެ ރައީސްކަމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ގައުމީ ޓީމުގެ އޭރު ހުރި ކޯޗަށް ފަސް މަސްދުވަހުގެ މުސާރަ ނުދީ އޮތް ކަމަށެވެ. އަދި އެފްއޭއެމްއާ ހަވާލުވިފަހުން ކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ކުރިން އެތަން ހިންގެވި ބޭފުޅުން ކޮށްފައިވާ އެކިއެކި ޚަރަދުތަކަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާ ދެއްކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.