19 Nov 2013, 18:12
މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުވޭތޯ ބެލުމަށް ރައްޔިތުން ތިއްބެވީ ކެތްމަދުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކަމަށް ހަ ބޭފުޅަކު އައްޔަން ކުރެއްވުމަށް ފަހު އެބޭފުޅުންނާ މުޚާތަބު ކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކެބިނެޓުގެ މަސައްކަތް ރައްޔިތުން ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި ރައްޔިތުންގެ ފަރުދީ ހައްގުތަކަށް އިހްތިރާމްކޮށް ރައްޔިތުންނަކީ މުއްސަނދިކަމާއި އުފާ ފާގަތިކަން މަތީ އުޅޭ ބަޔަކަށް ހެދުމަށް ޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ މެނިފެސްޓޯގައި ހިމެނިފައިވާ މުހިންމު ކަންތައްތައްވީ އެންމެ އަވަސް މިނެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ފިކުރަކަށް ބެލުމެއް ނެތި އެކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ ވަޒީރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"ސަރުކާރުން އެންމެ އިސްކަމެއްދޭނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ އަދި އަޅުގަނޑުމެން އާންމުކޮށް ގަބޫލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން ގުޅިފައިމިވާ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންތައްތައް ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކީ އަދި އެންމެ އަވަސްމިނެއްގައި ފޯރުކޮށްދެއްވުމަށް ޓަކައި. އެހެންވީމާ މިކަމުގައި އަޅުގަނޑު އެދެނީ ފާޓީގެ ފިކުރަކަށް ބެއްލެވުމެއް ނެތި މަސައްކަތް ކޮށްދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޓައިމްލައިނެއް ހަދައިގެން ކުރު މުއްދަތެއްގެ ތެރޭގައި ހަގީގަތަށް ވާސިލުވުމަށް ކަމަށާއި އެ ލަނޑުދަނޑި ހާސިލްކުރުމަށް ޓަކައި މަސައްކަތުގެ ސްޕީޑު އަވަސް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވީރާނާވެފައިވާ މުއައްސަސާތަކެއް ކަމަށާއި އެތަންތަން އާރާސްތުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ގާނޫނީ ހުކޫމަތް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ވީރާނާ ވެފައިވާ މުއައްސަސާތަކެއް. މުއައްސަސާތައް އާރާސްތުކުރަން އެބަޖެހޭ. އަދި ހަމައެއާ އެކީ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދޭން އެބަޖެހޭ. ރައްޔިތުންނަށް ކަށަވަރުކަން ހޯދައިދޭން އެބަޖެހޭ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމަތް ދަމަހައްޓާނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.