ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު އިސްތިއުފާ ދެއްވައި އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޮނުއްވައިފި އެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު "ސަން" އަށް ވިދާޅުވީ ޕޮލިސް ކޮމިޝަނާގެ މަގާމްގައި ހުންނެވި ރިޔާޒް ރިޓަޔާ ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

ކޮމިޝަނަރު ރިޔާޒް ފޯނު ނުނަންގަވާތީ އެމަނިކުފާނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.



ނަމަވެސް ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވާފައިވާ ކަމަށާއި އަދި ފުލުހުންގެ ހިދުމަތުން ރިޓާޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ ﷲގެ ރަހުމަތްފުޅާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީ ދެމިހުންނަވާނެ ކަމަށެވެ. '

ޑެޕިއުޓީ ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވީ ޕޮލިސް ކޮމިޝަނާއެއް އައްޔަން ކުރުމަށް މަޝްވަރާތަކެއް ކުރެވޭ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެމަގާމަށް މީހަކު ހަމަޖައްސާފައި ނުވާ ކަމަށެވެ.

ރިޔާޒް އަކީ ރައީސް މައުމޫންގެ ސަރުކާރުގައި އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ޕޮލިސް ކޮމިޝަނާ އަކަށް ހަމަޖައްސާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖެހިގެން އައި ދުވަހު އެވެ.