ބަޖެޓް ކޮމެޓީ އަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ހާޒިރު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގައި އެގޮތަށް ނިންމާފައިވާ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެގޮތަށް ހުށައެޅުމުން އެކޮމެޓީ އަށް ވަޑައިގެންނެވި 22 މެމްބަރުންގެ ތެރެއިން 17 މެމްބަރުންގެ ވޯޓް ދިނުމާ ގުޅިގެންނެވެ.

މިއަދުގެ އެކޮމެޓީގައި ވާހަކަ ދެއްކި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ވިދާޅުވީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ ކުރީގެ ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކަށް ވާއިރު އެ ބަޖެޓަށް ބަދަލުގެނައުމުގެ ފުރުސަތު މިސަރުކާރަށް ދޭން ޖެހޭ ކަމަށެވެ.

މަޖިލީހުން ފާސްކުރާ ބަޖެޓަކީ މިސަރުކާރުން ބޭނުން ވެގެން މިސަރުކާރު ޒިންމާވާން ޖެހޭ ބަޖެޓަކަށް ވާން ޖެހޭނެ ކަމަށް އެމްޑީޕީގެ މެމްބަރުންގެ ވާހަކަގައި ވަނީ ވިދާޅުވެފަ އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ މިސަރުކާރުން ހުށައަޅާ ބަޖެޓް ތަފާތު ވާނެ ކަމަށާއި ވަރަށް އަވަހަށް އެކަން މަޖިލީހަށް ސަރުކާރުން އަންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަވި އެބަޖެޓަށް ކޯލިޝަނުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން ހުށައަޅާ ބަޖެޓް ވަރަށް ބޮޑުތަން ތަފާތް ވާނެ، ކޯލިޝަންގެ އެއްބާރުލުން މި ސަރުކާރަށް އަބަދުވެސް އޮންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި ކޮމެޓީގެ ނާއިބް މުގައްރިރަކަށް ކެލާދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ހޮވާފައެވެ.